English Edition
Dhivehi Edition
ކުޑަކުދިންގެ ހިޔާ - ފޮޓޯ: ކުޑަކުދިންގެ ހިޔާ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން، ފޮސްޓާ ކުރާ އާއިލާތަކަށް ކޮންމެ މަހަކު ވެސް މާލީ އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓުން ބުނެފިއެވެ.

ކޮންމެ ކުއްޖަކީ ވެސް އާއިލާއެއްގެ ތެރޭގައި ބޮޑުވާ ކުއްޖަކަށް ހެދުމަށްޓަކައި، ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ތިބި ކުދިން ބަލަން ބޭނުންވާ އާއިލާތަކަށް އެ ފުރުސަތު ދިނުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓުން ވަނީ ނިންމާފައެވެ. އެ މިނިސްޓްރީން ބުނީކުދިން ފޮސްޓާ ކުރާ އާއިލާތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮންމެ މަހަކު ސަރުކާރުން އެ އާއިލާތަކަށް 5،000 ރުފިޔާ ގެ އިނާޔަތެއް ދޭނެ ކަމަށެވެ.

ކުދިން ފޯސްޓާ ކުރަން އެދޭ އާއިލާތަކުގެ އެސެސްމަންޓަކާއެކު، ޓްރެއިނިން އެއް މިނިސްޓްރީން ކުރިއަށްގެންދަން ނިންމާފައިވާއިރު، ވަގުތީ ގޮތުން ކުދިން ބެލުމަށް ހަވާލުކުރާނީ ދެ އަހަރުގެ މުއްދަތަކަށެވެ. އާއިލާއިން ބޭނުންނަމަ އެ މުއްދަތު އިތުރުކުރުމާއި ދައިމީ ކުރުމުގެ ފުރުސަތުވެސް ލިބިގެން ދާއިރު އާއިލާތަކާ ކުދިން ހަވާލުކުރުމަށްފަހު ވެސް، އެކުދިންގެ ހާލަތު މިނިސްޓްރީން ބަލަމުންދާނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޮސްޓާ ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެ ކުދިން ފޮސްޓާ ކުރަން ބޭނުންވާ މީހުން 1433 އަށް ގުޅައި، ނަން ނޯޓު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ޓެގު