English Edition
Dhivehi Edition
ފޮޓޯ: އުރީދޫ މޯލްޑިވްސް

ރާއްޖޭގެ ފުރަތަމަ ފަހަރަށް ބޭއްވި އުރީދޫ ޑްރޯން ރޭސް 2023 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑިސެމްބަރު 23، 2023 ގައި ބޭއްވި މި ޑްރޯން ރޭސް ކުރިއަށް ގެންގޮސްފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެ ގޮތުން 12 ހުނަރުވެރި ޕައިލެޓުން ވާދަކުރިއިރު، ސްކައި ވޯކާ ކެޓެގަރީ އިންނާއި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް އެ ޕައިލެޓުންގެ ހުނަރު ދައްކުވައިދީފައިވެ އެވެ. އުރީދޫ އިން ބުނީ ސްކައި ވޯކާ ކެޓަގަރީގައި ހަތަރު ހުރަހަކުން 8 ޕައިލެޓުން ހުނަރުވެރިކަމާއެކު ޑްރޯންތަކަށް ދުއްވާފައިވާކަމަށެވެ. އަދި ސްކައި އެލީޓް ކެޓަގަރީން ހަތަރު ބައިވެރިން ނުވަ ހުރަހަކުން ދަތުރުކޮށް އެންމެ ހަލުވި ވަގުތުގެ ތެރޭގައި 2 ލެޕް ނިންމުމަށް ވާދަކޮށްފައިވާ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

މި ގޮތުން ސްކައި އެލީޓް ކެޓަގަރީން ވާދަކުރިފަރާތްތަކުގެ ތެރެއިން 1:00:55 ގެ ތެރޭގައި ރޭސް ނިންމާ އެއްވަނަ އަށް ދާ ފަރާތައް ލިބޭ ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) ކާމިޔާބު ކޮށްފައިވަނީ މުހައްމަދު އާލިން ޝާފިއު އެވެ. 1:06:11 އިން ރޭސް ނިންމައި، ދެވަނަ އަށް ދިޔަ ފަރާތަށް ދިނުމަށް ނިންމި 3 މަސް ދުވަހުގެ (1536 ޖީބީ) ޕެކޭޖު އަދި އުރީދޫ 5ޖީ އެއާފައިބާ ޑިވައިސް ކާމިޔާބުކުރީ ހަމްޒާ ވަސީމްއެވެ. އަދި 3 ވަނަ ކާމިޔާބުކޮށްފައިވަނީ 1:08:10 މިނެޓުން ރޭސް ނިންމި ހުސައިން އަލޫފް ރިޔާޒެވެ. ތިން ވަނަ ހޯދި ފަރާތައް ލިބުނީ 2000 ރުފިޔާގެ މޫލީ ވައުޗަރެކެވެ.

ސްކައި ވޯކާ ކެޓަގަރީގެ އެއްވަނަ އިބްރާހިމް ޝަބީލް 01:11:78 އިން ރޭސް ނިނަމާފައިވާއިރު، ދެވަނަ އަށް ދިޔަ އައްޝަމް ޝަރީފް ހުނަރުވެރިކަމާއެކު 01:25:94 ތެރޭގައި ރޭސް ނިންމާފައިވަނީ އައްޝަމް ޝަރީފެވެ. މި ކެޓެގަރީ އިން އެއްވަނަ ހޯދި ޝަބިލް އަށް ޑީޖޭއައި މިނީ 2 އެސްއީ އެއް ލިބިފައިވާއިރު ދެ ވަނަ ހޯދި ފަރާތައް 3 މަސް ދުވަހުގެ (750 ޖީބީ) ޕެކޭޖާއި އެކު އުރީދޫ 5ޖީ އެއާފައިބާ ޑިވައިސް އެއް ލިބިފައިވެއެވެ. މީގެ އިތުރުން 01:27:36 ރޭސް ނިންމާ ތިން ވަނަ ހޯދި މިފްޒާލް އިބްރާހިމް ފަޒީލަށް 1000 ރުފިޔާގެ މޫލީ ވައުޗަރެއް ލިބިފައިވެއެވެ.

އުރީދޫ އިން ބުނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޑްރޯން ރޭސް އުރީދޫ ޑްރޯން ރޭސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ ލިބުނު ބޮޑު އުފަލެއްކަމަށެވެ. އަދި ސްޓެބިސިސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޑްރޯން ރޭސް ގައި ވާދަކޮށް ވަނަތައް ހޯދި ހުނަރުވެރި ޕައިލެޓުންނަށް އުރީދޫ އިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މީގެއިތުރުން މިއަހަރުގެ ޑްރޯން ރޭހުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، އައު ކަންތައްތަކާއެކު މިއަށްވުރެ ވެސް ފުރިހަމަކަމާއެކު އުރީދޫ ޑްރޯން ރޭސް ކުރިއަށް ގެންދިއުމަށާއި ރާއްޖޭގައި ޑްރޯން ރޭސިންގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ސްޓެބިސިސް މޯލްޑިވްސް އިން ބުނީ ރާއްޖޭގެ ރަސްމީ ޑީޖޭއައި އޮތޮރައިޒްޑް ސޭލަގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސް އާ ގުޅިގެން ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް ކާމިޔާބުކަމާއެކު ނިންމާލުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއްކަމަށެވެ. “މި އިވެންޓުގެ ކާމިޔާބީގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މިފަދަ އިވެންޓުތަކާއެކު ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އެފްޕީވީ ރޭސިން އިތުރުވެ ފުޅާވެގެންދިއުން” ސްޓެބިސިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ވިދާޅުވިއެވެ.

“މިއަދަކީ އާރްސީއަށް ޝައުގުވެރިވާ ފަރާތްތަކުގެ އުފާވެރި ދުވަހެއް. ތަޖުރިބާކާރު އާރްސީ ހޮބީސްޓެއްގެ ހައިސިއްޔަތުން، އަޅުގަނޑަށް ގަބޫލުކުރަނީ މި ހަރަކާތުގެ ސަބަބުން ރޭސިން މުބާރާތްތައް އިތުރުވެ، ރާއްޖޭގައި އާރްސީ އިވެންޓްތަކުގެ ފުރުޞަތު ފުޅާވެގެންދާނެ ކަމަށް. ޑްރޯން ރޭސިންގެ އިތުރުން، މި ހަރަކާތުގެ ސަބަބުން ތަފާތު މޮޑެލް އެއާކްރާފްޓް ހަރަކާތްތަކަށް ދޮރުހުޅުވި، އިންކްލޫސިވް އަދި އެންޓަޓައިނިން އާރްސީ އިވެންޓްތަކަށް މަގު ފަހިވެގެން ދާނެ. މި އިވެންޓް ގެ ކާމިޔާބާއި އުރީދޫ ފަދަ ކުންފުނިތަކުން މިފަދަ ކަންކަން ފަހިކޮށްދިނުމަށް ކުރާ މަސައްކަތުން އާރްސީ ދާއިރާއިން ކުރިއަށް އޮތް ތަނުގައި އިތުރު ފުރުސަތުތައް ފަހިވެގެންދާނެ.” އުރީދޫ ޑްރޯން ރޭސް 2023 ގެ ރޭސް ޑިރެކްޓަރު، އަލީ ނައީމް ވިދާޅުވިއެވެ.

އުރީދޫ ޑްރޯން ރޭސް 2023 ގެ ކާމިޔާބީއާއި އެކު، އުރީދޫ މޯލްޑިވްސް އާއި ސްޓެބިސިސް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ޑްރޯން ރޭސިން ކުރިއެރުވުމަށް ކުރިއަށްއޮތް ތަނުގައިވެސް މަސައްކަތް ކުރާނެކަމަށް ބުނެފައިވެއެވެ.