ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ކަމުގެ މަގާމަށް ހ. ރީތިގަސްދޮށުގޭ މުޙައްމަދު ޝަހީބު، އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.
ޝަހީބަށް ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ޝަހީބަކީ 30 އަހަރަށްވުރެ ގިނަ ދުވަހު އެންމެ މަތީ ފެންވަރުގައި ނޫސްވެރިކަން ކުރައްވާފައިވާ ބޭފުޅެކެވެ.ހަވީރު ނޫހުން ނޫސްވެރިކަމަށް ތައާރަފުވި ޝިހާބު ވަނީ ނޫސްވެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި، މީޑިއާ ސްޓޭޝަންތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި ހަވީރު ނޫހުގައި އެޑިޓަރެއްގެ މަގާމާއި ފަހުން ސަން މީޑިއާގެ ސީއޯއޯގެ މަގާމު ވެސް ހިމެނެއެވެ.
2004 ވަނަ އަހަރު، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އާންމު ޚިދުމަތުގެ އިނާމު ޝަހީބަށް ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން ވެސް 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ އާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ.
2019 ވަނަ އަހަރު ނޫސްވެރިކަމުގެ އަލިމަސް ގަލަންވެސް ޝަހީބު ވަނީ ހާސިލުކުރައްވާފައެވެ. މީގެ ކުރިން ޝަހީބް ވަނީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްކަންވެސް ކުރައްވާފައެވެ.