English Edition
Dhivehi Edition

“ހިއުމަން ރައިޓްސް 75” ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޖެނީވާއަށް ވަޑައިގެންފިއެވެ.

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، “ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް” އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ބާއްވާ މި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 11-12 ވަނަ ދުވަހުއެވެ،

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ ހިއުމަން ރައިޓްސް 75 ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ “އިންސާނީ ޙައްޤުތަކުގެ މުސްތަޤްބަލު، ތިމާވެށި އަދި މޫސުން” މި މައުޟޫތަކަށް ޚާއްޞަކޮށް ކުރިއަށްގެންދާ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށާއި، ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި އ.ދ.ގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖެނީވާއަށް ވަޑައިގަތީ “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހުއެވެ.