އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ގެޔަކަށް ވަދެ ހިންގި މަރާމާރީއާއި ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން އަންގާރަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކުރި ހަތަރު މީހުންނަކީ އުމުރުން 18 އަހަރާއި 20 އަހަރާއި 23 އަހަރާއި އަދި 21 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.
މިމާރާމަރީއާ ގުޅިގެން ކޯޓު އަމުރުގެ ދަށުން މިދިޔަ ހޯމަ ދުވަހުވެސް އުމުރުން 22 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވެ އެވެ. އަދި ހަމަ މިމައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހުވެސް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ފިރިހެނުންނެވެ.
އައްޑޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި ޒަހަމްވި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ..
އޭނާއަށް ފަރުވާ ދެމުންދަނީ އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލްގަ އެވެ.
އައްޑޫގައި ހިންގި ގުރޫޕް މަރާމާރީތަކާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި އައްޑޫއަށް އިތުރު ފުލުހުންވެސް މިހާރު ވަނީ ފޮނުވާފަ އެވެ.