English Edition
Dhivehi Edition
ޔުނާންގައި ތިބި ދަރިވަރުންނާއި ނައިބްރައީސް ބައްދަލު ކުރެއްވުން/ފޮޓޯ ރައީސްއޮފީސް

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގް، ޔުނާން ޔުނިވާސިޓީގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ބައްދަލު ކުރައްވައިފިއެވެ.

އެ މަނިކުފާނު އެ ދަރިވަރުންނާ ބައްދަލުކުރެއްވީ، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ)އިން އިންތިޒާމުކޮށްގެން ބާއްވާ “ޗައިނާ – އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ބައްދަލަވުމުގައި، ޔުނާން ޕްރޮވިންޝަލް ގަވާމަންޓް ސްކޮލަޝިޕްގެ ދަށުން އެ ޔުނިވާސިޓީގައި ތައުލީމް ހާސިލްކުރާ ރާއްޖޭގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްދާ ގޮތާއި ޖުމްލަ ތަޖުރިބާތަކާއި ބެހޭގޮތުން ނައިބު ރައީސް އެ ދަރިވަރުންނާ މަޝްވަރާ ކުރެއްވިއެެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހި ދަރިވަރުންގެ ތަޢުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާއާ ގުޅޭގޮތުން ނައިބު ރައީސް މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާނެ ދަތިތައް ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާކަން ހާމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ދަރިވަރުންވެސް ވަނީ އެ ދަރިވަރުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައެވެ.

ނައިބު ރައީސް ވަނީ، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން މިހާރުވެސް ކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވެ، އެ މައްސަލައަށް ކައިރި މުސްތަޤްބަލެއްގައި އަވަސް ޙައްލެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ސީއައިޑީސީއޭއިން ބާއްވާ ފޯރަމްގައި ނައިބު ރައީސް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވައެވެ.