English Edition
Dhivehi Edition
ހުސައިން އަމްރު

އިއްޔެ ބޭއްވުނު ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި އެހެންނަމަވެސް އެއްވެސް ޝަކުވާއެއް ކުރަން ބޭނުން ނުވާކަމުގައި، އެ ޕާޓީގެ ރައީސްކަމަށް ވާދަކޮށް އިންތިޚާބުން ބަލިވި ހުސެއިން ޢަމްރު ވިދާޅުވެއްޖެއެވެ.

މިއިންތިޚާބުގެ ނަތީޖާ، ވޯޓު ލީތާ 24 ގަޑިއިރުފަހުން އިއުލާން ކުރެވިގެން ދިޔައިރު، ވަގުތީ ނަތީޖާއިން ކުރި ހޯދާފައިވަނީ އެ ޕާޓީގެ ވަގުތީ ޗެއަރޕާސަންކަމުގެ މަގާމުގައިވެސް ހުންނެވި ހަސަން ލަތީފްއެވެ.

ރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށްފަހު އަމުރު ކުރި އެކްސް ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ ކޮންމެ އިންތިޚާބަކުން މޮޅުވާ ފަރާތަކާ ބަލިވާ ފަރާތެއްވެސް ވާނެ ކަމަށާއި، އިންތިޚާބުތަކާ އޭނާ ކުރިމަތިލައްވަނީ އެކަން އެނގިހުރެ ކަމުގައެވެ.

އެގޮތުން ބައެއް އިންތިޚާބުތައް ކާމިޔާބު ކުރެވިފައިވީ ނަމަވެސް، ބަލިވެފައިވާ އިންތިޚާބުތަކުގައި އެކަމާ ޝަކުވާ ކޮށްފައި ނުވާނެކަމަށްވެސް އަމުރު ވިދާޅުވެފައި ވެއެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައިވެސް ވާދަނުކޮށް ފަހަތަށް ޖެހުމާއި އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓްކަަމަށްވެސް އޭނާ ކުރިމަތިނުލާ ފަހަތަށް ޖެހުނީ ދޫދިނުމުގެ ބޭނުމުގައި ކަމުގައެވެ.

އެހެންނަމަވެސް ގޯސްކަމެއް ފާހަގަވުމުން އެކަން އޭނާ ފާހަގަކުރާކަމަށް ވިދާޅުވަމުން އަމްރު ވިދާޅުވީ، ނިމިދިޔަ، އެ ޕާޓީގެ ރައީސަކު ހޮވަން ބޭއްވި އިންތިޚާބާމެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށާއި އެހެންނަމަވެސް އެކަމުގައި ޝަކުވާއެއް ނެތްކަމަށް ޢަމްރު ވިދާޅުވިއެވެ.

ޑިމޮކްރެޓްސް ޕާޓީގެ ބައެއް މެމްބަރުންވަނީ ނިމިދިޔަ އެޕާޓީގެ އެތެރޭގެ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތުހުމަތު ކޮށް އަޑު އުފުލާފައެވެ.

ޑިމޮކްރެޓްސް ޕާޓީން އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ހަސަން ލަތީފު އިންތިހާބު ކާމިޔާބުކުރެއްވީ 1,704 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި، ހުސެއިން އަމްރުއަށް ލިބުނީ 1,300 ވޯޓެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 5883 ފަރާތަކަށް ލިބޭކަމަށް އެޕާޓީން ބުނެފައިވެއެވެ. ޑިމޮކްރެޓްސްއިން މަޢުލޫމާތު ދިންގޮތުގައި އެޕާޓީގައި ޖުމްލަ 1043 މަޤާމަށް މީހުން ހޮވާއިރު މީގެ ތެރެއިން 271 މަޤާމަކަށް މީހުންވަނީ އިންތިޚާބުވެފައެވެ.