ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް ޑރ.އާޒިމާ ޝަކުރު ފޯމު ހުށަހަޅުއްވައިފިއެވެ.
ޕީއެންސީގެ ޗެއަރޕާސަން އަބުދުއްރަހީމްއާއި ފޯމު ހަވާލުކުރެއްވުމަށްފަހު އާޒިމާ ވިދާޅުވީ މިއީ ސަރުކާރާއެކީ މަސައްކަތް ކުރާނެ މޭޔަރަކު މާލޭ ސިޓީއަށް އިންތިޚާބު ކުރަންވީ ވަގުތު ކަމަށާއި، އެކަމަނާ މޭޔަރު ކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ ދެމި ހުންނަވާނީ މާލޭގެ ކުރީގެ މޭޔަރު އަދި ރައީސް ޑރ. މުއިއްޒު ގެންގުޅުއްވިސިޔާސަތާއި ތަސައްވަރު ކާމިޔާބު ކުރެއްވުމުގައި ކަމުގައެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން މޭޔަރުކަމަށާއި، ހުސްވެފައިވާ ކައުންސިލްގެ ގޮނޑިތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުގެ ނިޔަލަށެވެ. އެދާއިރާގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ ޑިސެންބަރ 9 ވަނަ ދުވަހުއެވެ. އެވެ.
މާލޭގެ މޭޔަރުކަމަށް ސަރުކާރުފަޅިން ވާދަކުރުމަށް މިހާތަނަށް ފޯމު ހުށަހަޅާފައިވަނީވެސް އާޒިމާ އެކަންޏެވެ.
މާލޭގެ މޭޔަރުކަމުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއާ އެކު މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ. ރައީސް މުޢިއްޒާ އެކުގައި ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށް މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ވެސް އިސްތިއުފާ ދެއްވާފައިވެއެވެ.
މި ގޮނޑިތަކަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވެއެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއާއި، މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ.