English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ޑިޖިޓަލައިޒޭޝަނާއި އަންހެނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުން އިސްކަން ދޭނެ މަސައްކަތްތައްކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް އޮނަރަބްލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ކޭ.ސީ.، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވާއިރު
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، ކްލައިމެޓް ފައިނޭންސިންގ ހިމެނެއެވެ. އަދި ކޮޕް-28 ސަމިޓާއި، ކޮމަންވެލްތުން ކުރިއަށް ގެންދާ މަސައްކަތްތަކާއި، ޑިޖިޓަލް ތަޢުލީމާއި، އަންހެނުން ބާރުވެރިކުރުވުން ފަދަ މައުޟޫޢުތައް ހިމެނެއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާ ދެކޮޅަށް އަޑުއުފުލައި ވަކާލާތުކޮށްދިނުމުގައި ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ޑިޖިޓަލައިޒޭޝަނާއި އަންހެނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުން އިސްކަންދޭ މަސައްކަތްތައްކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ތައްޔާރީ ފިޔަވަޅުތައް އަޅަމުން ދިއުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، ކޮމަންވެލްތުން ރާއްޖެއަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.