English Edition
Dhivehi Edition

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޖޭ. އެސް. ސީގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ މިހާރު ކޮބައިހެއްޔެވެ؟ ވެލެޒިނީ މިހާރު ދިރިއުޅެމުންދަނީ ނެދަލޭންޑްސްގެ ހިސާބެއްކަމުގައިވާ ދަ ހޭގް ގައެވެ. ސޯޝަލް މީޑިއާގައި އާންމުކޮށް ވަރަށް ހަރަކާތްތެރި ވެލެޒިނީ އެންމެ ފަހުން ފެނިފައިވަނީ ޖޫންމަހުގެ ހަވަނަ ދުވަހުއެވެ. ދާދި ފަހުން ވެލެޒިނީ ވަނީ ސޯޝަލް މީޑިއާގައި އޭނާއަކީ ރަސޫލެއްކަމަށް ދައުވާކޮށް ފޮޓޯތަކާއި، ވީޑިއޯތަކާއި ލިޔުންތައް އާންމުކޮށްފައެވެ. ވެލެޒިނީގެ މި ލިޔުންތަކުގެ ސަބަބުން އޭނާއަށް ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ނަފްރަތާއި ފާޑުކިއުންތައް ރައްދުވެފައި ވާއިރު، އަނެއްބަޔަކު ވެލެޒިނީ ތަޢުބާވެ ހެޔޮ މަގަށް އެޅޭތޯ އޭނާއަށް ޓަކައި ނަސޭޙަތްތެރިވެ ދުޢާ ކޮށްދެއެވެ. އަދި އެއްބަޔަކު އޭނާ ހައްޔަރުކޮށް އޭނާއާމެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް އިލްތިމާސް ކުރެއެވެ. 23 މޭއިގައި ފުލުހުން ނެރުނު ބަޔާނެއްގައި ފުލުހުން ތަޙުޤީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ދެހަފްތާ ތެރޭގައި ވެލެޒިނީ ފުލުހަށް ހާޒިރު ވުމަށް ގޮވާލާފައި ވެއެވެ. ފުލުހުންގެ ބަޔާނުގައި ވާގޮތުން ވެލެޒިނީ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭނާ ޖަވާބުދާރީ ކުރުވުމުގެ ގޮތުންނެވެ. މިމައްސަލައިގެ އިތުރު ތަފްޞީލެއް ފުލުހުން ދީފައި ނުވާއިރު، ދެހަފްތާގެ މުއްދަތެއް ދީފައިވަނީ ވެލެޒިނީ ރާއްޖެއިން ބޭރުގައި އުޅޭތީ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން މިބަޔާން އިއްވިތާ ސާދަވަނައަށް ވީ ދުވަހު، އޭނާ ފުލުހަށް ހާޒިރުވާން އޮތް އެންމެ ފަހު ދުވަހު، 6 ޖޫންގައި ވެލެޒިނީ ވަނީ ސޯޝަލްމީޑިއާގައި ހަރަކާތްތެރި ވެފައެވެ. ނަމަވެސް އޭގެފަހުން ވެލެޒިނީގެ އެއްވެސް ހިލަމެއް ސޯޝަލް މީޑިއާއިން ވެފައި ނެތެވެ. ރާއްޖޭގެ ފުލުހުން ވެލެޒިނީ ހައްޔަރު ކޮށްފައި ވާކަމެއް ނުވަތަ ނުވާކަމެއް، އެހެން ޤައުމެއްގެ ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ވާހަކައެއް، އަދި ވެލެޒިނީ ފުލުހަށް ހާޒިރުވާން އެންގި މުއްދަތުގެ ތެރޭގައި އޭނާ ހާޒިރު ވީ ކަމެއް ނުވަތަ ނުވާ ކަމެއް ވެސް އެނގިފައި ނުވެއެވެ. އެހެން ވީއިރު ވެލެޒިނީ މިހާރު ކޮބައި ބާއެވެ؟ ވެލެޒިނީއަށް ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ ވަސީލަތެއް ނެތިގެން ޚަބަރެއް ނުވަނީ ބާވައެވެ؟ ވެލެޒިނީ ފޭސްބުކް ގައި ލިޔެފައިވާ ލިޔުންތަކުގައި އޭނާ އުޅެނީ ވަރަށް ދަތި ޙާލުގައި ކަމަށާއި އޭނާއަށް އެހީއެއް ވެދެނީ ހަމައެކަނި އޭނާގެ މަންމަ ކަމަށް ވަރަށް ގިނައިން އޭނާ ލިޔެފައިވެއެވެ. ވެލެޒިނީ މިހާރު ހުރި ތަނަކާއި، ހުރި ޙާލެއްވެސް އެންމެ ގާތުން އެނގޭނެ މީހަކީ އޭނާގެ މަންމަ ކަމާއި މެދު ޝައްކެއް ނެތެވެ. 23 މޭއި އިން ފެށިގެން ގޮސް މިއަދާ ހަމައަށް ވެލެޒިނީ ފުލުހަށް ހާޒިރު ވެފައި ނުވާއިރު، އޭނާގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ޙުކުމެއް ކޮށްފައިވާކަންވެސް އެނގިފައި ނުވެއެވެ. ނަމަވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވާގޮތުން، 14 ދުވަހުގެ ތެރޭގައި ވެލެޒިނީ ފުލުހަށް ހާޒިރު ނުވެއްޖެނަމަ މިހާތަނަށް މި މައްސަލައިގައި ލިބިފައި ހުރި ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ވެލެޒިނީގެ މައްޗަށް ޣައިރު ހާޒިރުގައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެއެވެ. ދާދިފަހުން އިސްލާމިކް މިނިސްޓްރީ އިން ވަނީ ވެލެޒިނީ ސޯޝަލް މީޑިއާގައި ރަސޫލުކަމަށް ދަޢުވާ ކޮށް ލިޔެފައި ވާ ލިޔުންތަކާއި ބުނެފައިވާ ވާހަކަތަކަށް ބަލައި، އޭނާއަކީ މުރުތައްދުވެ އިސްލާމް ދީނުން ބޭރުވެފައި ވާ މީހެއް ކަމަށް ކަނޑައަޅާފައެވެ.