English Edition
Dhivehi Edition

ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގައި ދައުވާ އުފުލާފައިވާ މަޖިލީހުގެ 9 މެމްބަރުންގެ ދައުވާގެ އިބްތިދާއީ އަޑުއެހުން އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހަށް ފަސްކޮށްފިއެވެ

ރައްޔިތުންގެ މަޖިލީހުގެ 9 މެމްބަރުންގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ މިއަހަރުގެ ޖުލައި މަހުގެތެރޭގައި މަޖިލީހުގެ ތެރެއަށް ވަނުމަށްޓަކައި، އެތަނުގެ އަމަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ފުލުހުންނާއި ސިފައިންގެ ސަފުތައް ފޫއަޅުވާލި މައްސަލައިގައެވެ. މިމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ 9 މެމްބަރުންގެ އިތުރުން، މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ 3 މީހުންވެސް ހިމެނެއެވެޤ

މިމައްސަލައިގައި ދައުވާ އުފުލައިފައިވަނީ ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ އާއ ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ ޢަލީ ޙުސެއިނާއި ނޮޅިވަރަމު ދާއިރާގެ ހުސައިން އަރީފާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލްކަރީމާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހްގެ މައްޗަށެވެ. އަދި މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ ކުރީގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތުގެ މައްޗަށްވެސް މިދައުވާ އުފުލާފައިވެއެވެ.

މިއަދު ބޭއްވި މިމައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ ހުށައެޅުމުގެ ކުރިން މިމައްސަލައިގައި ދައުވާ އުފުލާފައިވާ ޢަލީ ޙުސެއިން ޤާނޫނީ ވަކީލަކު ހަމަޖައްސާފައި ނުވާތީ ޤާޟީ ސުވާލު ކުރެއްވުމުން ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް އިތުރު ވަގުތު ދެއްވުމަށް އެދުނެވެ.

މިމައްސަލައިގައި ޢަލީ ޙުސެއިން ފިޔަވައި ދެންތިބި 11 މީހުންވެސް ޤާނޫނީ ވަކީލަކަށް ހަމަޖައްސާފައިވަނީ އަލްއުސްތާޛާ ހިސާން ހުސެއިނެވެ. ޤާޟީ ވިދާޅުވީ ވަކީލު ޗުއްޓީއަކަށް އެދި ހުށައަޅާފައިވާތީ އެފުރުސަތު ދިނުމުގެ ގޮތުން ދެން މިމައްސަލައިގެ ޝަރީޢަތް ބާއްވާނީ އަންނައަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 9 މެމްބަރުންނާއި ކުރީގެ 3 މެމްބަރުންގެ މައްޗަށް އުފުލާފައިވާ މިދައުވާ ސާބިތުވެއްޖެނަމަ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.