English Edition
Dhivehi Edition

މަމްސް އެއިޑްގެ އިސްނެގުމާއެކު ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީ ފޯރު ކޮށްދިނުމުގެ ގޮތުން މޯލްޑިވިއަން ވިމެން ވިތު ޕަލަސްތީން ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންޑް ރެއިސިންގެ އިވެންޓެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މަމްސް އެއިޑް އެގްޒެކެޓިވް ޑިރެކްޓަރ ފާތިމަތު ރިޔާސާ “އޭއޯ ނިއުސް” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފަންޑް ރެއިސިންގް އިވެންޓަށް ޑޮނޭޝަން ޕޯސްޓެއް ޝޯޝަލް މީޑިޔާއަށް މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލުމާއިއެކު އާއްމުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއިއެކު ވިޔަފާރިވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް އިވެންޓަށް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ފަންޑް ރެއިސިންގ އިވެންޓްގައި ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައިވަނީ ޖަމްބްލް ސޭލްއަކާއި ފުޑްސްޓޯލް ތަކެއް ކަމަށާއި ޖަމްބްލް ސޭލްގައި އަންހެނުންނާއި ފިރިހެނުންގެ އަންނައުނާއި ބޫޓު ފަދަ ތަކެތި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކި އުމުރުފުރައިގެ ކުޑަކުދިންގެ އަންނައުނާއި ސްޓޭޝަނަރީސް އަދި ވާހަކަ ފޮތް ފަދަ ތަކެތި ވެސް ހުންނާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަ ކުދިންނަށް ތަފާތު ކުޅިވަރު ހަރަކާތްތަކާއިއެކު އެކި ސަރަޙައްދުތަކުގައި ފަންޑް ފޮށި ބެހެއްޓިފައި ހުންނާނެ ކަމަށާއި ރާއްޖެތެރޭގެ އެކި ރަށްރަށުގައި މި އިވެންޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މާލެ ސަރަހައްދުގައި މި އިވެންޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޯބަރ 2023 ވަނަ ހޮނިހިރު ދުވަހު ހުޅުމާލެ ރުއްގަޑު ސަރަހައްދުގައި މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00އާއި ހަމައަށެވެ.

މަމްސް އެއިޑްގެ އިސްނެގުމާއިއެކު ކުރިއަށް ގެންދެވޭ ފަންޑް ރެއިސިންގް އިވެންޓްގެ ހޮސްޓިންގް ޕާރޓްނަރ އަކީ އާރބަންކޯއެވެ. މި ފަންޑް ރެއިސިންގް އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރަން ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް އެއިޑް ކޭމްޕްގެ ގާޒާ އެމެޖެންސީ ރިލީފް މެދުވެރިކޮށް ގާޒާގެ އެހީއަށް ބޭނުންވެފައިވާ އާއިލާ ތަކަށެވެ.