English Edition
Dhivehi Edition
މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް

ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

އެމްޑީޕީ އިން ވަކިވުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް ހައިތަމް ފޮނުވި ސިޓީގައި ވަނީ އެމްޑީޕީއާ ގުޅުނީ ރާއްޖެއަށް ހިދުމަތްކޮށް، ރައްޔިތުންގެ ކިބައިން ނިގުޅައި ގަނެވިފައިވާ އެތަކެއް ހައްގުތަކެއް ހޯދައިދިނުމަށްޓަކައި ފެށި އިންސާފުގެ ދަތުރުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.

މީގެ އިތުރުން ހައިތަމް ވަނީ އޭނާ ޕާޓީގައި ހޭދަކުރި މުއްދަތުގައި، ވަފާތެރިކަމާއި އަމާނަތްތެރިކަމާއެކު ރައްޔިތުންގެ ހައްގު ހޯދައި ދިނުމަށް އެތަކެއް މަސައްކަތްތަކެއް މަޖިލީހުގައި ކުރެވިފައިވާނެކަން ފާހަގަކުރައްވާފައެވެ. މި ގޮތުން އެގޮތުން ހައިތަމް ހުށަހެޅުއްވި މައްސަލަތަކަށް އަލިއަޅުވާލަމުން އޭނާ ވިދާޅުވީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި ދިިރިއުޅެމުންދާ ބިދޭސީންގެ މައްސަލައާއި، ކޮވިޑް-19 ގައި ފެންމަތިވި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ އާއި އެންޑީއޭ އިސްލާހް ކުރުމުގެ މައްސަލަ ހުށަހަޅާފައިވާނެކަމަށެވެ. އަދި ރާއްޖޭގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ އަދި ނިޔާވަމުންދާ މައްސަލަވެސް ހުށަހަޅާފައިވާނެކަމަށް ހައިތަމް ވިދާޅުވިއެވެ.

މި މައްސަލަތަކަކީ ސީދާ ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާ މުހިންމު ކަންތައްތަކެއްކަން ފާހަގަކުރަމުން ހައިތަމް ވިދާޅުވީ އެމްޑީޕީއަކީ ވެރިކަން ކުރާ ޕާޓީއަށްވެފައި މިކަންކަން އަހަންމިއްޔަތު ކަމެއް ދީގެން އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް ޕާޓީގެ ލީޑާޝިޕުން މަސައްކަތްކޮށްފައި ނުވާކަމަށެވެ. އެހެންކަމުން 26 ސެޕްޓެމްބަރުން ފެށިގެން އެމްޑީޕީ އިން ވަކިވެފައިވާކަމަށް ހައިތަމް ވަނީ ވިދާޅުވެފައެވެ.