English Edition
Dhivehi Edition
އުތުރު ތިލަފަޅަށް ދިޔަ ނޫސްވެރިން

ހުއްދަހޯދުމެއްނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ބަޔަކު ދިޔަ މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފިއެވެ.

އެމްއެންޑީއެފްއިން މިއަދު ވިދާޅުވީ އުތުރުތިލަފަޅުގައި އޮންނަ ސިފައިންގެ ބަނދަރަށް އިއްޔެ ހުއްދަ ހޯދުމެއްނެތި ވަދެ ވީޑިއޯކޮށް، ވީޑިއޯ އާންމު ކޮށްފައި ވާތީއާއި އެ ރަށުގައިހުރި އެމްއެންޑީއެފްގެ ސާޖެންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ، އެރަށަށް އަރަން އުޅުނު މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ވަނީ އެމައްސަލައިގެ ތަޙުގީގު ފަށާފައިވާކަން ހާމަކޮށްފައެވެ.

އެމްއެންޑީއެފްއިން ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން އުތުރު ތިލަފަޅުގައި އޮންނަ ސިފައިންގެ ސަރަހައްދަށް އިއްޔެ ގޮސްފައި ވަނީ ‘ދިޔަރެސް’ ނޫހުގެ ނޫސްވެރިންތަކެކެވެ. އަދި އެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުން ކަން ހިނގައިދިޔަގޮތް އޮޅޭ ގޮތަށް ހަގީގަތާ ޚިލާފު ވާހަކަތައް ދައުރު ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އުތުރުތިލަފަޅުގައި އެ މުއައްސަސާގެ ބޭނުންތަކަށް ތަރައްގީކުރަމުން އަންނަ ސަރަހައްދު ފިޔަވައި އެ ފަޅުގެ ބާކީ ސަރަހައްދުތައް ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވަނިކޮށް އިއްޔެގެ ވަގުތެއްގައި ދިޔަރެސްނޫހުގެ ނޫސްވެރިން ލޯންޗެއްގައި ގޮސް ހުއްދަނެތި ސިފައިންގެ ސަރަޙައްދަށް ވަދެ ވީޑިއޯކޮށް ހުއްދަނެތި އެ ރަށަށް އަރަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެ ފަޅުގައި އެމްއެންޑީއެފްއިން ތަރައްގީކުރަމުން އަންނަ ބަނދަރުގެ މަސައްކަތް ދައްކައިލުމަށް ވަރަށް ފަހުން ވެސް އެ ކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ފަހިކޮށްދީފައިވަނިކޮށް، އެ ގޮތަށް ހުއްދަ ހޯދުމެއް ނެތި އެ ރަށަށް އަރަން މަސައްކަތްކުރުމަކީ ގާނޫނާއި ގަވާއިދާ ޚިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގައިފައިވާ ދަށުދަރަޖައިގެ އަމަލެއްކަން ފާހަގަކޮށް އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސިފައިންގެ މަރުކަޒުތަކަކީ ހުއްދަނެތި ވަނުން މަނާ ތަންތަން ކަމަށާއި އެ ފަދަ ތަނަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެ ކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. މި ގޮތުން ސިފައިންގެ ބަނދަރު ތަރައްގީކުރަމުން އަންނަ ސަރަހައްދަށް ހުއްދަނެތި އެރުމަށް މަސައްކަތްކުރުމުން އެ ކަން ހުއްޓުވުމަށް އެ ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް ސާޖެންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް މަސައްކަތްކޮށްފައިވަނީ ވެސް އެ އުސޫލުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މީޑިއާތަކުގައި ދައުރުވަމުންދާ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ބަނދަރުގެ ކުރެހުމަކާ ގުޅުވައި އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުގައި ތަރައްގީ ކުރަނީ އަސްކަރީ ބޮޑެތި މަނަވަރު ބަނދަރުކުރެވޭ ފަދަ ފެންވަރުގެ ބަނދަރެއް ނޫން ކަމަށް ބުނެފައެވެ.