English Edition
Dhivehi Edition

ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދަޢުލަތުން ދެމުން އަންނަ އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރަން ސަރުކާރުން ނިންމަވައިފިއެވެ.

ރޭ މާވެޔޮ މަގުގައި އޮތް ކެންޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެ އެލަވަންސްގެ ގޮތުގައި މިހާރު ދެމުން އަންނަ 5،000 ރުފިޔާ، 7،000 ރުފިޔާ އަށް ބޮޑުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7،000 ރުފިޔާ އަޅުގަނޑުމެން ދޭން ނިންމައިފިން” ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ މިހާރު އުމުރުން ދުގަސްވީ މީހުންނަށްދޭ 5000 ރުފިޔާއަކީ މީގެ އަހަރުތަކެއް ކުރިން ކަނޑައަޅާފައިވާ އަދަދެއް ކަމަށާއި އެ ފައިސާއިން ދިރިއުޅުމުގެ ހަރަދުތައް ދެކޮޅުނުޖެހޭކަން ރައްޔިތުން ފާހަގަކުރާކަަމަށެވެ. އެެހެންކަމުން މިހާރު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތް 5000 ރުފިޔާއިން 7000 ރުފިޔާއަށް ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ވަޒީފާއިން މުސްކުޅިވުން މަޖުބޫރުވާ އުމުރު 65 ކުން 70 އަށް ބަދަލުކުރެއްވުމަށް ނިންމަވާފައެވެ. އަދި، 65 އަހަރުވުމުން ރިޓަޔާކުރުން އިޚްތިޔާރީ ކަމަކަށް ވަނީ ހައްދަވައިދެއްވާފައެވެ.

އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސެއް ދޭން ފެއްޓެވީވެސް 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުންނެވެ.
އަދި އެ އެލަވަންސް ބޮޑުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށްޓަވާނެކަން ރައީސް ސާލިހު ވަނީ މިދިޔަ ޖޫންމަހު ހާމަކުރައްވާފައެވެ.