ޓީވީ އެކްޓްރެސް ޑީޝާ ޕަމަރ ބުދަދުވަހި ވިހައިފި ކަމަށް އޭނާގެ ފިރިމީހާ ރާހުލް ބުނެފިއެވެ.
މަޝްހޫރު ލަވަކިޔުން ތެރިޔާ ރާހުލް ވަދްޔާ އާއީ ޑީޝާ އަށް އަންހެން ކުއްޖަކު ލިބިފައިވާ ކަމަށް އޭނާ އިއުލާން ކޮށްފައިވަނީ އިންސްޓަގްރާމް ގައެވެ.
ރާހުލް ބުނެފައިވަނީ މަންމަ އާއި ދަރިފުޅުގެ ހާލު ރަނގަޅުކަމަށެވެ. އަނބިމީހާ ވިއްސަން މަސައްކަތް ކުރި ހުރިހާ ނަރުހުންނާއި ޑޮކްޓަރުން އަދި ހޮސްޕިޓަލަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ރާހުލް އާއި ޑީޝާ އެންމެ ފުރަތަމަ ދިމާވެފަިއވަނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ރާހުލްގެ ލަވައެއްގައި ޑީޝާ ހަރަކާރް ކޮށްފައި ވެއެވެ. ދެމީހުން އެކުގައި މަސައްކަތް ކުރުމަށްފަހު ލޯބީގެ ގޮތުން ގުޅިގެން އުޅެފައި ރާހުލް ޑީޝާ އަށް ސަޕްރައިޒެއްގެ ގޮތުން ބިގްބޮސް 14 ގައި ޑީޝާ ކައިރިން ކައިވެނިކުރަން އަހާފައި ވެއެވެ. މި ދެތަރިން ކައިވެނި ކޮށްފައިވަނީ 2021 ޖުލައިގައެވެ.
ދާދިފަހުން އިންޓަވިއު އެއްގައި ރާހުލް ބުނެފައިވަނީ ބައްޕައަކަށް ވުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށާއި ބައްޕައަކަށްވެ ދަރިފުޅަށް އިންތިހާއަށް ބައްޕައެއްގެ ލޯބި ދިނުމަށް އޭނާ ވަނީ ކެތްމަދުވެފައި ކަމަށެވެ.
ޑީޝާ އާއި ރާހުލް އަށް އިންޑަސްޓްރީގެ ތަރިންގެ އިތުރުން ފޭނުން ދަނީ މަރުހަބާގެ މެސެޖް ތައް ފޮނުވަމުން ނެވެ.