English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ފޮޓޯ:އޭއޯ ނިއުސް

މި މަހުގެ 9 ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ނައިބު ތުއްތު މަގުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން ފަރުވާ ދެމުން ދިޔަ ޒުވާނާ ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި މަހުގެ 9 ވަނަ ދުވަހު 22:55 އެހާއިރު ފުވައްމުލައް ނައިބު ތުއްތު މަގުން ބާރު ސްޕީޑްގައި ދިޔަ ސައިކަލެއް ބަމްޕަރަކަށް އަރައި ވެއްޓުނު ހާދިސާ އެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ސައިކަލް ދުއްވި މީހާއަށް އަނިޔާވެގެން ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް 10 ސެޕްޓެމްބަރު ދުވަހު މާލެ ގެނެސްފައިވާކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އަނިޔާވި މީހާއަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު އޭނާ ނިޔާވެފައިވާކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެ މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮތް މީހެއްކަމަށާ މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ދާ ކަމަށެވެ.