މިއަދު އެވަނީ ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން އަޑަށް ބާރުލާފައި ” ހޮވެންވެގެން ނެގި އައްޑޫ މީހުންނާއެކު ” މަތިފަޑިން ވެއްޓި އަނގުނު ބިންދައިގެން ގޮސްފައެވެ. ރިޔާސީ ރޭހަށް ނިކުންނަން އެތައް ބަޔަކު ފައި ވިއްދާފައި ވަނިކޮށް 3 ޕާޓީއަކުން އައްޑޫ ކެންޑިޑޭޓަކާއި 2 ރަނިންމޭޓަކު ހޮވީ ބޮޑު އާބާދީއަކާއި ބޮޑު ނުފޫޒެއް އޮތް އައްޑޫމީހުން ގެ ތާއީދު ހޯދުން ފިޔަވައި ދެވަނަ ކަމަކަށް ނޫނެވެ. ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް މިއަދު އައްޑޫ މީހުން ބަސްބުނެ އިއްވައިފިއެވެ.
އައްޑޫމީހުންނަކީ ވެރިކަމާހެދި އުޅޭ ބައެއްނަމަ ހޮވެންވީ މުއިއްޒުތޯއެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. ވެރިކަން ބަދަލުކުރުމާއި، ވަކިވެގަތުމާއި، ވެރިވާން އުޅުންފަދަ އެތައް ބަހެއް އައްޑޫ މީހުންނަށް ނުރުހުމާއެކު އަމާޒުކުރި ދިވެހި ރައްޔިތުންނަށް މިއަދު އައްޑޫމީހުން އެ ނަގައިދިނީ ފިލާވަޅެކެވެ. އައްޑޫމީހުން ވެރިކަމަކާ ހެދިއެއް ނޫޅެއެވެ. ” އަމޭ ގެންދާށޭ ބުނީމާ ވެސް ” އެހެރަ ބޮލާލާ ޖެހީއެވެ.
ދެން އުފެދޭނެ ސުވާލަކީ އެހެން ހަދަން ޖެހުނު ސަބަބު ނޫންތޯއެވެ. ނިކަން އަޅުގަނޑާއެކު މާޒީގެ ތެރެއަށް ފީނަން ހިންގަވާށެވެ. މީގެ ޖަވާބު ލިބެންއޮތީ އެހާކަށްހާ ހިސާބުންނެވެ. ރާއްޖޭގެ ތާރީޚުގެ ޞަފްޙާތައް އުއްކަވަމުން ކުރިއަށް ވަޑައިގެންފިނަމަ އައްޑޫގެ ޙާލަތު ބަދަލުވަމުން އައިގޮތް ވަރަށް ރަނގަޅަށް ސާފުވާނެއެވެ. އައްޑޫގެ ރައްޔިތުންނަކީ ޢިލްމާއި ޙިލްމު ލިބިގެންތިބެ ،އެމީހުންގެ ހުނަރާއި ޤާބިލުކަމާއި ތަޖުރިބާއިން ދުނިޔެ އާރާސްތުކުރި ބައެކެވެ. މަޝްހޫރު އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނާއި އަލްޤާޒީ މޫސާ ބަދުރުއްދީން ފަދަ ބޭފުޅުން ދައުލަތުގެ އެންމެ އިސް މަޤާމް ފުރުއްވީ އެބޭފުޅުންގެ ރަށާއި މުޖުތަމަޢުން އެކަމަށް އެއްބާރު ލުން ދެއްވީތީއެވެ. ބައިބައިވުމެއް ނެތި އެންމެން އެކައްޗެއް ކިޔައި އެއްރޫޙެއްގައި ތިބީތީއެވެ. އެކުވެރި އަޚުވަންތަ ގުޅުމެއް އަތޮޅުގައި ގާއިމްވެފައި އޮތަތީއެވެ.
ތާރީޚުގެ ކޮންމެވެސް ހިސާބަކުން މިދެންނެވި ޙާލަތު ބަދަލުވެއްޖެއެވެ. އޭރުއޮތް ހަމަޖެހުމާއި އޮމާންކަމަށް ކަޅިއެޅި ބައެއްގެ ޙަސަދަވެރި ކަމުގެ ތެރޭގައި އައްޑޫގެ ވެރިންނަށް ނުޙައްގުން އަނިޔާލިބި އެކަމުގެ ތެރޭ އައްޑޫ ބަޣާވާތް ހިނގައިދިޔައީއެވެ. އޭގެ އާޚިރު ނަތީޖާއަކަށްވީ ލިބިލިބިހުރި ތަޢުލީމާއި ތަމްރީނާއި އާމްދަނީ އާއި ތަރައްޤީވެސް ފުނޑުފުނޑުވެ ރައްޔިތުން ބަރުބާދުވެ ދިޔަ ދިއުމެވެ.
އެމީހުން ބާކީ ކޮށްލީއެވެ. މިކަން ކުރީ، އެއްވެސް ދިމާއަކުން ކުރިއެރުމެއް ނުގެނެވޭހާވެސް އަނިޔާވެރިކޮށެވެ. ދެން އައީ މުޅިން އެހެން މަރުޙަލާއެކެވެ. ސަރުކާރުތަކުން އައްޑޫ ތަރައްޤީ ކުރުމުގެ ފަށްފުއްތައް އެކުލަވާލައި ޢަހުދުނާމާތަކާއި ، ވަޢުދުނާމާތައް ކުލަކުލައިގައި ޗާޕުކުރީއެވެ. ދައުރަކަށްފަހު ދައުރެއް ފާއިތުވަނީ އެވަޢުދުނާމާ ތަކުގައި ހުރި އުއްމީދީ އެއްވެސް ހުވަފެނެއްގައި ކުލަ ނުޖެހި ބިލާހަކަށް ވެގެންނެވެ.
މިއަދު ރައްޔިތުން ނިކަމެތިވެއްޖެއެވެ. ވަންނާނެ ގެއެއް ދޮރެއް ވަޒަނެއް ނެތެވެ. އަނބިންނާއި ފިރިންވަކިވީއެވެ. ޢާއިލާތައް ރޫޅި ވިއްސި ވިހާލި ވީއެވެ. ދަރިން ބިކަވެ މަގުމަތިވީއެވެ. އުޅުންތައް ގޯސްވެ މުޅި މުޖުތަމަޢު ގައި ފަސާދަ ޢާންމުވީއެވެ.
އައްޑޫގެ ރީތިކަމުގެ ވާހަކަ އަޑުއެހި އާއިލާމީހަކު ފުރަތަމަ ފަހަރަށް އައްޑުއަށް އައިދުވަހު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ” އަހަންނަށް ޙަގީގަތުގައިވެސް މިއާދެވުނީ އައްޑޫއަށްހޭ ” އޭނާއަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. އިވިފައިހުރި އަޑުތަކަށް ބަލާފައި އެފެނުނު މަންޒަރު ގަބޫލުކުރަން އޭނާގެ ޟަމީރު އެއްބަސްނުވި ކަހަލައެވެ.
އާނއެކެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. މިތަނުގައި އޮތީ ކޮން ހިތްގައިމު ކަމެއްތޯއެވެ. ހިތްއުފާކޮށްލާނެ ތަނެއް ނެތެވެ. ހިތްކިހާފަދަ މަންޒިލެއް އަމުދުން ނެތީއެވެ. ރާއްޖޭގެ ރަށްތަކުން ފެންނަ އަމާން އައްސޭރިތަކާއި ބީޗުތަކުގެ އުފަލެއް މިތާކު ނެތެވެ. އުފެދިފައިހުރި ގުދުރަތީ ކުޅިތަކަށް ދިރުން ގެންނާނެ އަތެއް ނެތެވެ. ޙިމާޔަތްކުރި ނޭޗަރޕާކު އޮތީ ނޭވާހޮޅިއަށް އެޅިފައެވެ. ކުޑަކުދިންގެ ޕާކުތައް ފަޅުފިލުވަނީ ހިކަނދި މީދާތަކެވެ. މިހުރިހާ ކަމަކަށްވުރެންވެސް ބޮޑީ ވަކިވަކި ފަރުދުންގެ ނިކަމެތިކަމެވެ. ޢުމްރާނީ ތަރައްޤީގެ ދޯދިޔާކަމެވެ.
ޙާލަތު މިދަރަޖައިގައި ވަނިކޮށް އައްޑޫމީހުން ބަޔަކު ދައްކާ ދަޅައަށް ހެއްލޭނެތޯއެވެ. ނޫނެކެވެ. ވެރިކަމުގެ އަރާމާއި ލައްޒަތު އެމީހުން ބޭނުމެއް ނޫނެވެ. އެމީހުން އެދެނީ އެމީހުންގެ “ސިޓީ” އަށް ސިޓީގެދަރަޖަ ވަގުފްކޮށްދިންފަދައިން އެކަން ޢަމަލުން ދައްކައިދޭނޭ ވެރިންތަކެކެވެ. އެމީހުން އެދިއެދި ތިބީ ލައި ދަމަދަމާ ތިބުމުގެ ބަދަލުގައި ކަންކަމަށް އަވަސް ޙައްލު ހޯދުންކަން އިއްޔެގެ ވޯޓުން ދައްކައިދީފިއެވެ. ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ ދެވަނަ ބުރަށް ނުކުންނައިރު ވެސް ޕާޓީތަކުން މިއީ ވިސްނާލަން ޖެހޭ ކަމެކެވެ. އައްޑޫމީހުން ޅޮސް އުނދޯއްޔަށްލުމުން ރުހިގެން ތިބި މާޒީ ފަހަނައަޅާ ހިނގައްޖެއެވެ. މިއަދު އެމީހުން އެދެނީ އިޚްލާސްތެރި، ޤައުމަށް ވަފާތެރި ވެރިންތަކަކަށެވެ.