ހުކުރު ދުވަހުގެރޭ މޮރޮކޯގެ މެދުތެރޭގެ ހިސާބުތަކަށް އައި ބާރުގަދަ ބިންހެލުމެއްމަރުވި މީހުންގެ ޢަދަދު 1,037 އަށް އަރައިފިއެވެ.ރިކްޓަރ މިންގަނޑުން 6.8ގައި ރެކޯޑު ކުރެވިފައިވާ ބާރުގަދަ ބިންހެލުން އައިސްފައި ވަނީ ރޭގަނޑު ގިނަ މީހުން ނިދާފައި ތިބި ވަގުތުގައެވެ.
ބިންހެލުންތައް ދިރާސާކުރާ އެމެރިކާގެ ޔޫ.އެސް. ޖިޔޮލޮޖިކަލް ސަރވޭ (ޔޫ.އެސް.ޖީ.އެސް)އިން ބުނީ ބިންހެލުން އައިސްފައި ވަނީ މަރާކިޝްގެ އިރުއުތުރުން 75 ކިލޯމީޓަރު ދުރުގައި އޮންނަ ހައި އެޓްލަސް ފަރުބަދަ އޮންނަ ސަރަޙައްދަށް ކަމުގައެވެ. ބިންހެލުން އައިސްފައި ވަނީ ބިމުގެ ފަށަލައިން ފެށިގެން 18.5 ކިލޯމީޓަރު އަޑިއަށް ކަމުގައި އެ އިދާރާއިން ބުންޏެވެ.
ބިންހެލުމުގައި ގިނަ އަދަދެއްގެ އިހުގެ އިމާރާތްތަކެއް ވެއްޓިފައިވާއިރު، ބައެއް އިމާރާތްތަކުގެ ގާފުނިތަކުގެ ދަށުގައި ބައެއް މީހުން އަދިވެސް ވަޅުލެވިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ބިންހެލުމުގެ ސަބަބުން މަރާކިޝްގެ އިތުރުން އަލް-ޙައުޒާއި، ވަރްޒާޒާތާއި، އަޒީލާލާއި، ޝީޝާވަތު އަދި ތަރޫދާނަށް ވެސް ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ރަށްތަކުގައި ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވަނީ ވެއްޓިފައެވެ. އަދި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެގެން ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
ފުރަތަމަ ބިންހެލުމުގެ 19 މިނެޓު ފަހުން އެ ސަރަޙައްދަށް ދެވަނަ ލޮޅުމެއް އައިސްފައިވާ ކަމުގައި ޔޫ.އެސް.ޖީ.އެސްއިން ބުނެއެވެ. އެ ލޮޅުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 4.9ގައެވެ. މި ބިންހެލުމުގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވީ މަކާރިޝާއި އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކުން ކަމުގައި އެ ޤައުމުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.
ބިންހެލުމާ ގުޅިގެން އިތުރު ލޮޅުންތައް އަތުވެދާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ރޭގަނޑުގެ ވަގުތުތައް ހޭދަކޮށްފައި ވަނީ މަގުތަކުގެ މަތީގައެވެ. ބިންހެލުމުގައި ޒަޚަމުވެފައިވާ މީހުންނާ އެކު މަރާކިޝްގެ ހޮސްޕިޓަލްތައް ފުރިފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޒަޚަމުވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ލޭ ބޭނުންވެފައިވާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.
ބިންހެލުމާ އެކު ވެއްޓިފައިވާ ބައެއް ޢިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ ޢަދަދެއްގެ ބަޔަކު ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި، އެ މީހުން ސަލާމަތް ކުރަން އޮފިޝަލުން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި މަރާކިޝްގެ ތާރީޚީ ރަށެއް ކަމުގައިވާ މަދީނާ ވެސް ހިމެނެއެވެ. އެއީ، ޔުނެސްކޯއިން ރައްކާތެރި ކޮށްފައިވާ ތަންތަނުގެ ލިސްޓުގައި ހިމެނޭ ރަށެކެވެ.