English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރި، ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މި ސެންޓަރު ހަދާފައިވަނީ މިހާރު އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރވެސް ހިނގަމުން އަންނަ ހުޅުމާލެ އޮރެންޖް ހިޔާ ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ.

މި ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފަޒްނާ ވިދާޅުވީ މިއީ ހުޅުމާލެ ހޮސްޕިޓަލުން ވަށައިޖެހޭ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ކުރެވުނު މުހިއްމު މަސައްކަތެއްކަމުގައެވެ، މިގޮތުން މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލްގައި ހިންގާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ އިން ޚިދުމަތް ހޯދާ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން، ދެން ހަދާނެ ގޮތަކާއި މެދު ކަންބޮޑުވެފައިވާ ބެލެނިވެރިންގެ ކަންބޮޑުވުންތައް މިސެންޓަރާއެކު ނެތިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ފަޒްނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ލިބިދިނުމުގައި ވަށައިޖެހޭނެ ގޮތަކަށް ކަންކަން ރޭވިފައި ހުރުން މުހިއްމު ކަމަށެވެ. މިގޮތުން އެފަދަ ފަރާތްތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާއި ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ހިދުމަތް ހޯދުމުގައި ލުއިފަސޭހަކޮށްދިނުމަށް، މުޅި މުޖުތަމައުގެ އެންމެން އަދާކުރަންޖެހޭ ފަރުދީ ޒިންމާތަކުގެ މައްޗަށް ކަމަށެވެ.

އިތުރަށް ފަޒްނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް މުޖުތަމަޢުގައި ތިބި ބައެއްކަން ހަނދާންކޮށް، އިޝްތިހާރު ފަދަ ތަކެތި ބޭނުންކޮށްގެން މައުލޫމާތު ފޯރުކޮށް ދިނުމުގައި ހުރިހާ ބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް މައުލޫމާތު ފޯރުކޮށްދެވޭނޭ ގޮތަށް މަސައްކަތްތައް ކުރަން ޖެހޭކަމަށެވެ.