English Edition
Dhivehi Edition

އެއްދުވަހަކު ހަމަ ކުއްލިއަކަށް މެސެޖެއް އަތުވެއްޖެއެވެ. އަހަރެން ހީކުރީ އެވެސް ވާނީ އޮފީހު ކުއްޖެއްގެ މެސެޖެއް ކަމަށެވެ. އެކަމަކު އުންމީދާއެކު ބަލާލީމެވެ. އެއީ ޝައިނާގެ މެސެޖެކެވެ.

“ބައެއްފަހަރު އަހަރެމެން ވަކިވާން ވެސް ޖެހޭނެ. ހަމަ އަންގާ ނުލާވެސް ގެއްލިދާނެ. އެކަމަކު އޭގެ މާނައަކީ އަހަރެމެންގެ ލޯބި ވަކިވެ ފިލައި ދިޔައީ އެކޭ އެއް ނޫން. ބައެއް ފަހަރު ގުޑްބައި އަކީވެސް ލޯބިވަމޭ ބުނާ ވޭން ދެނިވި ގޮތެއް.” އޭނާގެ އިބާރާތް އަބަދުވެސް ހުންނާނީ އެކަހަލަ މޮޅު ގޮތަކަށެވެ.

އޭނައާ ގުޅުނީއްސުރެން އަހަރެން މިހާ ބޮޑަކަށް ނާއުންމީދެއް ނުވެއެވެ. އަހަރެންގެ ހަޔާތަށް ހުސްކަމެއް އަތުވެއްޖެއެވެ. އަހަރެންގެ ހިތުގެ ގަރާރުކަން ގެއްލިއްޖެއެވެ. ހިތްދަތިކަމުގެ ތޫނު ކަށިތައް އަހަރެންގެ ހިތަށް ހެރެން ފަށައިފިއެވެ.

އަހަރެން އޭނާއާ ވަކިވާކަށް ބޭނުމެއް ނޫނެވެ. ހިތްއެދެނީ ދުވަހަކުވެސް ވަކި ނުވުމަށެވެ. ދުވަހަކު ބައްދަލު ނުވިޔަކަސް ހެވެވެ. މި އުފާވެރި ހުވަފެނުން ހޭލާކަށް ބޭނުމެއް ނުވެއެވެ.

ދެން އައި ދުވަސްތަކުގައި އަހަރެން ހުރީ ދިރިހުރެ މަރުވެފައެވެ. އެއްވެސް ކަމެއްގައި އުފަލެއް ނެތެވެ. ކުލައެއް ވަހެއް ރަހައެއް ނެތެވެ. ދިރިހުރީތީ ނޭވާލުން ނޫން ކަމެއް އަހަރެންގެ ނެތެވެ.

ހަނދުމަހެއްގެ ސާދަވިލޭރޭ އަނެއްކާވެސް އަހަރެންގެ ފޯނުގެ މެސެޖް ރިންގް ޓޯން އަތުވެއްޖެއެވެ.

ޓިޓިން ޓިން. ޓިން………

ނުބަލަން ހުރެފައިވެސް ހަމަ ކެތް ނުވެގެން ބަލައިފީމެވެ.

އެއީ ޝައިނާގެ މެސެޖެކެވެ. “މިރޭ ޑައިންމޯގައި އަހަންނާ ބައްދަލު ކޮށްފާނަންތަ؟”

ހީވީ އަހަރެންގެ ހިތުގައި އެއްހާސް މާ އެއްފަހަރާ ފޮޅިގެން ދިޔަހެންނެވެ. އަހަރެން ފެންވަރައި ތައްޔާރުވެލީމެވެ. އޭނާ އައުމުގެ ކުރީގައި އެތަނަށް ދިއުމަށްޓަކައި ގޭން ނުކުމެ ޓެކްސީއަކަށް އަރައިފީމެވެ.

ޓްރެފިކް ލައިޓްގެ ރަތްބޮކި އެހާ ގިނަ އިރު ދިއްލިފައި އެހުންނަނީ ކީއްވެ ބާވައޭ އެރޭ އަހަރެންގެ ހިތަށް އެރިއެވެ. ޓެކްސީގައި ހޭދަވި 10 މިނިޓަކީވެސް ހާދަ އިރެކެވެ.

ޑައިންމޯ ފެންނަ ހިސާބުގައި ފާރުބުރި މަތީ އިނދެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ކޮންމެ ސިކުންތެއް ވެސް ހާދަ ދިގެވެ. އިންތިޒާރުގެ ވަގުތު ދިގޭ މީހުން ބުނަނީ މިހެންވެގެންތާއެވެ.

ނުވައެއް ޖެހިތަނާ އެކަނި އަންނަ އަންހެން ކުއްޖަކު ފެނިއްޖެއެވެ. ކުއްޖެއް ނޫނެވެ. ބުނެވޭނީ އަންހެނެކޭ އެވެ. އިސްކޮޅުން ކުރުވެފައި ފަލައެވެ. ލައިގެން ހުރި ގަދަ ރަތާއި ގަދަ ނޫ ހެދުމުގައި އޭނާގެ މޫނު ވަކި ކުރަންވެސް ނޭނގޭހާ ކަޅެވެ. އޭނާ ބައްދަލުވާން ބޭނުން ނުވި ސަބަބަކީ މިއީތާއެވެ. ރީތި ލަފްޒްތަކާއި ހިތްގައިމު އަޑަކުން ސޫރައެއް ނޭނގޭނެއެވެ. އެއަކީ އަހަރެން ކޮންމެ ރެއަކު ހުވަފެނުގައި ދެކޭ ކުއްޖާއެއް ނޫނެވެ. ވީ ފޫއްސެއް ބުނާކަށް ނޭގެއެވެ.

އެހެންވެ އޭނާއަށް އަހަރެން ފެނުމުގެ ކުރީގައި އަވަހަށް އެތަނުން ދާން ހިނގައިގަތީމެވެ. އަހަރެން ގެނައި މާބޮނޑި އެއްލާ ނުލެވުނީ އެވަގުތު ފަހަތުން އޭނާގެ ނަމުން ގޮވާލި އަޑު އިވުމުންނެވެ.

“ޒަޔާ!” އެއީ އެ ހިތްގަމު އަޑެވެ. އެ ލޯބި ގޮވާލުމެވެ. އެއީ ޝައިނާގެ އަޑެވެ. އަހަންނަށް އެނބުރި ބަލާލެވުމުން ހީވީ ކަކުލުހުޅު ހަލުވިދާ ކޮޅަކަށް ވީހެންނެވެ. ނޭވާއެއް ލާންވެސް ނޭނގުނެވެ. ހަނދު އަރާފައި ހުރުމާއެކުވެސް ސާދަ ވިލޭރޭގެ ހަނދު އެވަނީ އޭނާގެ ކުރިމަތީ ބިންމަތީގައެވެ. ތުނިތުނި އެކަމަކު ގިނަ ރޫތަކެއް ލާފައި ގަޔަށް ފިޓް ހެދުމެކެވެ. ވަޔާއެކު އެ ހެދުމުގައި ހުރި ރޫބައިތައް ނިއުޅެން ފެށުމުން ހީވީ ޕަރީޒާދާއެއް ތިރިކޮށްލި ހެންނެވެ. އޭނާގެ ހިނިތުންވެލާފައިވާ ތުންފަތުގައި އެވަނީ ޖާދޫއެކެވެ. ދުނިޔެމަތީގައި މިހާ ފުރިމަ ހޫރެއް ހުއްޓާ އަހަރެންނަށް ދުވަހަކުވެސް ފެނިފައެއް ނެތެވެ. ޝައިނާއަކީ މިއީ ހެއްޔެވެ؟

“ޒަޔާ!” އަނެއްކާވެސް އޭނާ ގޮވާލިއެވެ. “ހިނގާ އަވަހަށް ދާން. މާ ގިނައިރަކު ނުހުރެވޭނެ. މިއައީވެސް ވަރަށް އަވަހަށް އަންނާނަމޭ ބުނެފަ.”

އޭނާ އެކައްޗެއްވެސް ބޯކަށް ބޭނުމެއް ނުވިއެވެ. އަހަރެން މިލްކްޝޭކެއް ގެނަސްގެން ބޯން އިން އިރު އޭނާ އިނީ އަހަރެންގެ ކުރިމަތީގައެވެ. އަހަންނަކަށް އެހެން ދިމާއަކަށް ނުބެލެއެވެ. އޭނާގެ ތުނި ނޭފަތަށާއި އެ ނާޒްކް ތުންފަތުގައި އަހަރެންގެ ލޯ ތަތްލާފައި ހުއްޓެވެ. ދިގު ފަން އިސްތަށިގަނޑެކެވެ. ތުނިތުނި ފުރިހަމަ ހަށިގަނޑެކެވެ. އަހަރެން އެންމެ އިންޗިއެއް ކުރުނަމަވެސް އައިބުވީހެވެ. އުނި އައިބު ސިފައެއް އޭނާގެ ނެތެވެ. މިހާ ރީތި ކުއްޖަކު އަހަންނާ ބައްދަލު ކުރަން ޖެހިލުންވެފަ ހުރީ ކީއްވެހެއްޔެވެ؟ އެކަނިވެރިވެ ފޫހިވެގެން ފޯނުން ރައްޓެއްސަކު ހޯދީ ކީއްވެހެއްޔެވެ؟ މި ސުވާލުތައް ހިތުގައި އެނބުރެމުން ދިޔައެވެ.

“އަދި އިރުކޮޅަކަށް މަޑުކޮށެއް ނުލެވޭނެތަ؟” އަހަރެން ބޭގަރާރު ކަމާއެކު އައިފީމެވެ.

“އެންމެ މިނިޓަކަށް މަޑުކުރެވެން އޮތްނަމަވެސް މަޑުކުރީމުސް” އޭނާގެ ލޮލުގައިވަނީ މޮޅިވެރިކަމެވެ. “މިހާރުވެސް މާ ލަސްވެއްޖެ.”

“އައިސްދިނީތީ ޝުކުރިއްޔާ! މިހެން ބުނެފައި ޝައިނާ ކުޑަ ކަރުދާސްކޮޅެއް ދިނެވެ. ދެން އޭނާ ބާރަށް ދުވެފައިގޮސް އަހަރެންގެ ލޯމަތީން ގެއްލިއްޖެއެވެ. އެވަގުތު ވިލާގަނޑެއް އަރައި ހަނދު ފޮރުވިގެން ދިޔައެވެ.

ޝުކުރިއްޔާ ދޭން ޖެހޭ މީހަކީ އަހަންނެވެ. އެންމެފަހުން މިއޮތީ އޭނާގެ އެޑްރެސްވެސް ދީފައެވެ. އަހަރެންހާ ނަސީބުގަދަ މީހަކު ހުންނާނީ ކޮންތާކު ހެއްޔެވެ؟ ހަމަ ގައިމުވެސް އަހަރެންގެ ލޯބި ޝައިނާއަށް ވުރެން ފުރިހަމަ އަންހެން ކުއްޖެއް ހަމަ އެކަކަށްވެސް މިލްކް ވެގެންނެއް ނުވާނެއެވެ.

އެރޭ އެންމެ ލޮލުފިޔައެއް ވެސް އަހަރެން ނުޖަހަމެވެ. އޭނާގެ ސޫރަ އަހަރެންގެ ހިތުގައި ކުރެހެމުން ކުލަޖެހެމުން ކުލަ ބަދަލުވަމުން ދިޔައެވެ. އޭނާގެ އަޑު ކަންފަތުގެތެރޭގައި ނުފިލާ ހުއްޓެވެ. ނޭނގޭ ބާވަތެއްގެ ފިނިކަމެއް އަހަރެންގެ ހިތަށް ވެރިވެފައި ހުއްޓެވެ.

ހެނދުނު އޮފީހަށް ސަލާމް ފޮނުވާފައި އޭނާ ހޭލާހާއިރު ކޮށްފައި އެގެޔަށް ހިނގައްޖެއީމެވެ.

ބެލްޖަހާލީމާ ނުކުތީ މެދު އުމުރުގެ އަންހެނެކެވެ. ބަލާލުމާއެކުވެސް އެއީ ޝައިނާގެ މަންމަކަން އެނގިއްޖެއެވެ. އޭނާގެ ލޮލުގައިވެސް ވަނީ މޮޅިވެރިކަމެވެ.

“އަހަރެން މިއީ ޝައިނާގެ މަންމަ މަރިޔަން.” އެ ރީތި އަންހެންމީހާ ބުންޏެވެ. “ތިޔައީ ޒަޔާ ދޯ؟”

ހުރިހާ ވާހަކައެއް ޝައިނާ ވަނީ ބުނެފައިތާއެވެ.

“ޝައިނާ އަހަރެންގެ ގާތު ހުރިހާ ވާހަކައެއްވެސް ބުނާނެ.” މަރިޔަން ބުންޏެވެ. “ޝައިނާ ތިޔަހާ ލޯބިވާ މީހަކު ނުހުންނާނެ.”

“ޝައިނާ ހޭލައިފިތޯ. އަޅުގަނޑާ ބައްދަލު ވެދާނެތޯ.”

މަރިޔަން ފުން ނޭވައެއް ލިއެވެ. “އުފަލާއެކު… އެކަމަކު.”

އެވަގުތު އެތެރޭން ނުކުތް މެދު އުމުރެއްގެ ފިރިހެނަކު ބުންޏެވެ. “ޝައިނާއަކީ އަހަރުމެންގެ ހުރި އެންމެ ދަރިފުޅު.”

“އަޅުގަނޑު.. ” އަހަންނަށް އެމީހުން ބުނަން އުޅޭ އެއްޗެއް ވިސްނުނެވެ. “އަޅުގަނޑު ޝައިނާ ދެކެ ވަރަށްވެސް ލޯބިވޭ. އޭނާއަކަށް ދެރަގޮތެއް ނަހަދާނަން.”

މަރިޔަންގެ ލޮލުން ކަރުނަ ހިލުނުތަން އަހަންނަށް ފެނިއްޖެއެވެ. “ޝައިނާގެ އެޑްރެސް އޭނާ އަޅުގަނޑަށް ދިނީ ރޭގަ. އެހެންވެ މިއައީ ލަސްނުކޮށް. ބައްޕަ ބޭނުންވެލައްވާ ދުވަހަކު އަހަރެން މިހިރީ ކާވެނި ކުރަންވެސް ތައްޔާރަށް. ”

ޝައިނާގެ ބައްޕަ އަހަންނަށް ބަލާލި އިރު ހީވީ އަހަރެން ތޮރުފާލަފާނެ ހެންނެވެ. އޭނާ އަހަންނާ ބައްދަލު ކުރަން އެދިޔައީ ގޭ މީހުންނަށް ނޭނގިތާއެވެ. އެހެން ބުނެވުނީމާ އަހަރެން ވަރަށް ދެރަވެއްޖެއެވެ.

“ރޭގައޭ؟ ” އޭނާގެ އަޑުގައިވަނީ ހަރުކަށިކަމެވެ. “ކިހިނެއް ރޭގަ އޭނާ ކަލެއާ ބައްދަލު ކުރީ.”

މަރިޔަން ރޮއިގެންފިއެވެ. “އެ ފަކީރު މަރުވިތާ މިއީ ތިންވަނަ ދުވަސް.”

“އެކަމަކު…”

“ދަރިފުޅުގެ ހިތުގެ މަސްއަލައަކީ އެއްވެސް ފަރުވާއެއް ނެތްކަމެއް.” އޭނާގެ ބައްޕަ ބުނެ ދިނެވެ.”އޭނާ އަބަދުވެސް އުޅޭނީ އެ ފޯނެއް ހިފައިގެން. އެހެންވެ އަހަރުމެން އޭނާގެ ފޯން ނިއްވާނުލާ ބާއްވާފަ މިއޮންނަނީ.”

އަހަރެން އެވާހަކަ ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ އަހަރެން އޭނައާ ބައްދަލުވީއިރު އަހަރެން ހުރީ ހަމަ ހޭގައެވެ. އެއަކީ ހުވަފެނެއް ނޫނެވެ. އެންމެ ފަހަރަކުވެސް އެރެއަކު އަހަރެން ނުނިދަމެވެ.

އެމީހުން އަހަރެން ގޮވައިގެން އެތެރެއަށް ވަނެވެ. އޭނާގެ ކޮޓަރީގައި ވަނީ އެކި ކަހަލަ މާތަކުން ފުރާލެވިފައެވެ. ދެން ހުރީ އޭނާ ކުރަހާފައި ހުރި ކުރެހުންތަކެވެ. އެއް ކުރެހުމެއް އަހަންނާ ވައްތަރެވެ.

ޝައިނާގެ މަންމަ އަހަންނަށް އޭނާގެ އަލްބަމް ގެނަސް ދިނެވެ. އެއީ ހަމަ ޝައިނާއެވެ. އެއީ އޭނާއާ ރޭގައި ބައްދަލުވި ކުއްޖާއެވެ.

އަހަރެން މެސެއްޖެއް ލިޔެފީމެވެ. ” ދިރިހުރުން ދޫކޮށްލިޔަކަސް ހެވެވެ. ލޯބިވުން ދޫކޮށް ނުލާށެވެ.” އަހަރެން ފޮނުވި މެސެޖް ރިސީވް ވީއަޑު ހުޅުވާފައި އޮތް ޝައިނާގެ ފޯނުން އިވުނެވެ.

އެއާއެކު އަހަރެންގެ ފޯނަށް މެސެޖެއްވެސް އައެވެ. “ޔެސް މައިޑިއަރ، ލަވްޔޫ ފޯއެވާ!”

އަހަރެންގެ ހިތުގެ ވިންދު ހުއްޓުނީ އެހާ ހިސާބުންނެވެ.

-ނިމުނީ-