English Edition
Dhivehi Edition

އެއީ ދިގު ރެއެކެވެ. އޮފީހުގައި ގިނައިރު މަސައްކަތުގައި އުޅެފައި ގެއަށް އައިސް ނިދަން ޖައްސާލީމެވެ. އެހެނަސް އެކަހަލަ ރޭރޭ ނިދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެތައް އިރަކު ބުރަކޮށް ކުރި މަސައްކަތުގެ ޚިޔާލުތައް ހިތުން ފިލުވާލަން ވަގުތު ބޭނުންވެއެވެ. އެ ވާހަކަތައް މީހެއްގެ ގާތު ދައްކާލަން ބޭނުންވެއެވެ. ސިކުނޑީގައި އޮޅިފައިވާ ކެނބެއް ހެން ބޮލުތެރޭގައި ވަނީ ދުވާލުދާ ހަތަރު ދަމު ކުރި މަސައްކަތުގެ ޚިޔާލުތަކެވެ. ނިދޭނީ އެތައް އިރަކު އެނދުގައި ފުރޮޅި ފުރޮޅި އެ ކެނބު ނިއުޅި ނިމުނީމައެވެ. އެހެންކަމުން އެރޭ ވެސް އެގޮތަށް ފުރޮޅެން އޮތީމެވެ.

ނުނިދޭ ރޭރޭ ހާދަހާ ދިގެވެ. މިހެން އޮއްވާ ފޯނަށް އެސްއެމްއެސްއެއް އަތުވެއްޖެއެވެ. “ރައްޓެހިކަމާއެކު ވާހަކަ ދައްކަފާނަންތަ؟”

ނުދަންނަ ނަމްބަރެއް ވީމާ ބަލާލާފައި މެސެޖް ފޮހެލީމެވެ. ކާކުކަން ނޭނގޭ މެސެޖަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. ދެންވެސް ބެލީ ނިދޭތޯއެވެ. އެކަމަކު ހަމަ ނިދެން ފެށިތަނާހެން އަނެއްކާވެސް އެ މެސެޖް އަތުވެއްޖެއެވެ. “ރައްޓެހިކަން ބާއްވާލަ ދީފާނަންތަ؟” މި ދަންވަރު އުނދަގޫ މިކުރަނީ ކާކު ބާއެވެ. މި ފަހަރުވެސް ބަލާލާފައި ޑިލީޓް ބަޓަނަށް އޮބާލައިފީމެވެ.

އަނެއްކާވެސް ނިދަން ޖައްސާލީ ދެން އެ މެސެޖް ނާންނާނެ ކަމަށް ހީކޮށެވެ. ފޯން ނިވާލެވޭކަށްވެސް ނެތެވެ. އުޅެނީ ބަންދު ނުކުރާ އޮފީހެއްގައި ކަމުންނެވެ. ކޮންމެ ދަންވަރަކުވެސް އޮފީހުން ގުޅާފާނެތީ ފޯން އޮންނަން ޖެހެނީ ހުޅުވާފައެވެ.

އަނެއްކާވެސް ފޯން އެލަރޓް ދިނެވެ. ހަމަ އެ ނަމްބަރުންނެވެ. “މާތް އިންސާނާ! އަޅުގަނޑާ ވާހަކަ ދައްކަބަލަ! މި ހުސްކަން ފުރާލަ ދީބަލަ. ޕްލީސް!”

މިރެއަކު ދެން ނިދަން އުޅޭނެ ކަމެއް ނެތެވެ. އެންމެ ފަހުން އަހަރެންވެސް ޖަވާބެއް ލިޔެފައި ފޮނުވާލީމެވެ. “އަހަންނަކީ މާތް އިންސާނަކީމެއްނޫން. އަދި މީހެއްގެ ހުސްކަން ފުރާލަދޭނީ ކިހިނެއް؟ ޚުދު އަހަރެންވެސް މިވަނީ ފުންމިން ނޭނގޭ ހުސްކަމެއްގެ ތެރޭގައި. އަހަންނަށް ތި މެސެޖް ކުރީ މީ ކާކުކަން އެނގިގެންތަ؟” މިމެސެޖް ލިޔެވުނު މޮޔަ ހިތަށް އެރީ ފޮނުވާލެވުނު ފަހުންނެވެ.

ސިކުންތު ކޮޅެއްވެސް ނުވެ ޖަވާބު އަތުވެއްޖެއެވެ. “މި އެކަނިވެރި ކުއްޖާއަށް ވުރެން ބޮޑު ހުސްކަމެއްގެ ތެރޭގައި ވާނެ މީހަކު ނުވާނެ. ނޫން، ތިއީ ކޮން ބޭފުޅެއް ކަމެއް ނޭނގޭ. އަޅުގަނޑުގެ ފޯންނަމްބަރުގެ ފަހު ދެ އަކުރު އޮޅުވާލުމަށް ފަހު މެސެޖްކޮށްލީ. އަޅުގަނޑުގެ ނަމަކީ ޝައިނާ. ”

“އަހަރެންނަކީ ޒަޔާން. އެންމެން ކިޔަނީ ޒަޔާ.”

މިއީ ނުދަންނަ މީހަކާ ފޯނުން އަހަންނަށް ދިމާވި ފުރަތަމަ އަދި އެންމެ ފަހު ފަހަރު ކަމަށްވެސް ވެދާނެއެވެ.

މިރޭ ހީވަނީ ނިދަން އުޅޭނެ ކަމެއް ނެތްހެންނެވެ. އެހެންވެ ރަނގަޅަށް ގަޔާވެލީމެވެ.

ރޭގެ ދެން އޮތްބައި މިހެން ދެކޮޅުން މެސެޖް ބަދަލު ކުރެވެމުން ދިޔައެވެ. އޭރު ދެމީހުންނަށްވެސް ދިޔައީ އެކަކު އަނެކަކު ދަސްވަމުންނެވެ. ފަތިހު 5 ޖެހުމުން މެދު ކަނޑާލީ ހެނދު އޮފީހަށް ދިއުމަށް ތައްޔާރުވާން އޮތީމަޔާއެއްކޮށެވެ. އޭގެފަހުން ދެމީހުން މެސެޖްކޮށްނުލާ ވަގުތެއް ދުވަހެއް ނާދެއެވެ.

ފޯނުގެ މެސެޖް ޓޯން އަންނަ ކޮންމެ ވަގުތަކީ ހިތަށް ބަޔާން ކުރަންވެސް ނޭނގޭވަރުގެ އުފަލެއް ލިބިގެން އަންނަ ހިނދުކޮޅެކެވެ. މެސެޖް ކުރުމަކީ މިހާ ހިތްހަމަ ޖެހޭ ކަމެއް ކުރިޔަކުން އެނގިފައެއް ނެތެވެ. އަދިވެސް އަހަންނަށް ނޭނގިއޮތް އެހެން ކަމެއް ޝައިނާގެ ފަރާތުން އެނގުނެވެ. އެއީ އަހަންނަކީވެސް ރޮމެންޓިކް މީހެއް ކަމެވެ. މިއީ ކުރިއަކުން އަހަންނަށް އެނގިފައި އޮތް ކަމެއް ނޫނެވެ.

އެއް ދުވަހަކު ޝައިނާ ފޮނުވި މެސެޖެއްގައި އޮތެވެ. “އަޅުގަނޑާ ރައްޓެހި ވެދޭން ވީނު. އޭރުން އަޅުގަނޑުގެ ހިތުގައި ކަލާ ފޮރުވާ ތަޅުލާފައި ތަޅުދަނޑި ގެއްލުވާލާނަން. އޭރަކުން އެކަކަށްވެސް ކަލާ އެއް ނުގެންދެވޭނެ.”

އަހަރެން އޭގެ ޖަވާބު ފޮނުވީމެވެ. “ހަޔާތުގައި ހަގީގީ ލޯތްބެއް ލިބެނީ މަދު ފަހަރަކު. އެފަދަ ލޯތްބެއް ލިބިއްޖެނަމަ ދުވަހަކުވެސް އެ ލޯތްބަކާ ވައްކެއް ނުވާނަން. އަހަރެން ދެކޭނީ އެއީ ގުދުރަތު އަހަންނަށް ދޭ ހަދިޔާއެއް ކަމުގަ.”

އޭނާގެ ޖަވާބު ލިބުމުން އަހަރެންގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައީ ކީއްވެ ކަމެއް ނޭނގުނެވެ. އޭނާ ލިއުނެވެ.

“ހަދިޔާއެއް ކަމަށް ބަލަންވާނީ ހަޔާތުގައި ހަގީގަތަކަށް ވެދާނެ މީހަކާ މެދު. ކާކަށް އެނގޭނީ އަނެކަކު ތިމާގެ ހަޔާތުން ދުރަށް ދާނެ އިރެއް؟”

އަހަންނަށް އެ ވަގުތު ވީގޮތެއް ބުނަންވެސް ނޭނގުނެވެ. އަހަންނަށް ޝައިނާގެ ހަޔާތާ ދުރަށް އެންމެ ހިނދުކޮޅަކު ވެސް ނުދެވޭނެކަން މިހާރު ވިސްނުނެވެ. އޭނާ ވަނީ އަހަރެންގެ ނަފްސަށް ވުރެން ބޮޑު ޖާގައެއް އަހަރެންގެ ހަޔާތުން މިލްކު ކޮށްފައެވެ.

އަހަރެން ޖަވާބު ދިނީމެވެ. “އަހަންނާ ދުރަށް ދާނެ ކަމަށް ވާނަމަ ކައިރިއަށް ނާންނާތި. އަހަރެންނާ ކައިރިއަށް އައިސްފަ އަހަރެންގެ ހިތް ހަލާކު ކޮށް ނުލާތި.”

އަހަރެންނަށް މިހެން ލިޔެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. އެހެންނަމަވެސް މިއީ ހިތުގެ ފުނުން ލިޔެވުނު އެއްޗެކެވެ.

އޭގެ ފަހުން އަހަރެން އޭނައަށް ގުޅާލީމެވެ. އެއީ ޕަރީއެއްގެ އަޑުހެން ހީވިއެވެ. އެހާ އޮމާންވެފައި ލޯތްބެވެ. އެކަމަކު ކީއްވެ ކަމެއް ނޭނގުނެވެ. އޭނާ އަވަހަށް ކަނޑާލިއެވެ. ކަނޑާލުމުގެ ކުރިން ބުންޏެވެ. “އަޅުގަނޑާ ނުގުޅުއްވިއްޔާ ރަނގަޅީ. މެސެޖް ފޮނުއްވިޔަސް ހެޔޮ.”

އޭނާ ބޭނުންވީ ހަމަ އެކަނި މެސެޖުން ގުޅުން ބޭއްވުމަށެވެ.

އެ އަޑު އަހަރެންގެ ކަންފަތުން ކެނޑިގެނެއް ނުދިޔައެވެ. ބޮލުތެރޭގައި އެނބުރެނީ އޭނާގެ ޖަޒުބާތުން ކަޅިވެފައިވާ ލަފުޒުތަކުގެ ތޫފާނެކެވެ. ހިތުގައި ޖަހާވިންދުގައި ވަނީ އެ އޮމާން އަޑުގައިވާ މިއުޒިކީ ހަމަތަކެވެ. އަހަރެން އަލުން ވެސް ގުޅާލީ ހަމަ އެ ހިތްފަސޭހަ އަޑު އަހާލުމަށެވެ. އެކަމަކު އޭގެފަހަކުން އެކަމެއް ނުވިއެވެ. އޭނާ ފޯނެއް ނުނަގައެވެ. ނެގިޔަސް ކަނޑާލައެވެ.

އެހެނަސް މެސެޖްތައް ހަމަ ބަރާބަރަށް އާދެއެވެ. ހުރިހާވާހަކައެއް މެސެޖުން ބުނަމުން ގެންދެއެވެ. އަހާހިތްވާކަހަލަ މަޖާވާހަކަތަކާއި ޖޯކުތައް ފޮނުވަމުން ދިޔައެވެ. މިއެއްޗެހި އަހަރެން ފޮތެއްގައިވެސް ނޯޓް ކުރަން ވެސް ފަށައިފީމެވެ. އޭގައިވަނީ ނާއުންމީދެވެ. ހިތާމައެވެ. ލޯތްބެވެ. ހުވަފެންތަކެވެ. އޭގެ މާނައެއް އަހަންނަކަށް ނޭނގުނެވެ. އެނގޭކަމަކީ އޭން ކޮންމެ މެސެޖަކުން ހޫނުކޮށްފައިވާ ވަޅިތިލައަކުން ބަޓަރު ގަނޑެއް ކެފިގެންދާހެން އަހަރެންގެ ހިތް ކެފި ކުދިކުދި ވަމުން ދާކަމެވެ. “ކަލާ ވަނީ ކިތަންމެ ދުރެއްގައި ނަމަވެސް ކިތަންމެ ކައިރިއެއްގައި ނަމަވެސް ކަލާއާ އެކު އަހަރެން ވާނަން. ކަލާއާ ބައްދަލު ވިޔަސް ނުވިޔަސް އަހަރެން އެގޮތުގައި ދެމިހުންނާނަން.” އަހަރެން މިގޮތަށް މެސެޖް ފޮނުވައިފީމެވެ. އަހަރުމެން ދެމީހުން އެކަކު އަނެކަކަށް ފެނިފައި ނެތަސް ދެމީހުންގެ ދެ ހަށިގަނޑުގައި މިހާރު މިވަނީ އެއްހިތަކާއި އެއްފުރާނައެކެވެ.

މިހާރު މިގޮތަށް މެސެޖުން ދެމީހުން ގުޅިފައިވާތާ މަހަކަށް ވުރެންވެސް ގިނަވެއްޖެއެވެ. ދެމީހުން ބައްދަލު ނުވިޔަސް އެކުގައި ވަގުތު ހޭދަ ނުކުރެވުނަސް ދެމީހުން އުޅެމުން ދަނީ އުފަލުންނެވެ. ހުރިހާ ވަގުތަކުވެސް އުޅެމުން ދަނީ އެކަކު އަނެކެއްގެ ޚިޔާލުން އުފައްދާފައިވާ ދުނިޔެއެއްގައެވެ. އެއީ ހިތްގައިމު ކުލަތަކުން ކުރެހިފައިވާ ހުވަފެންތަކުގެ ދުނިޔެއެކެވެ. އެއީ ހިތާމައަކަށް ނުރުހުމަކަށް ޖާގައެއް ނުވާ ދުނިޔެއެކެވެ.

އޭނާ އަހަންނާ ބައްދަލު ނުކޮށްގެން އުޅެނީ ކީއްވެ ބާވައެވެ. އަނެއްކާ އޭނާ އިސްކޮޅުން ކުރީ ބާވައެވެ. ކުލަ ކަޅީ ބާވައެވެ. އައިބެއް ހުރީ ބާވައެވެ. ސިފަ ހުތުރީ ބާވައެވެ. މެސެޖްތަކުން މިއިން އެއްވެސް ކަމެއް ފާޅެއް ނުވެއެވެ. އެނގޭހާވެސް ކަމަކީ އަޑު ރީތި ކަމެވެ.

އަނެއްކާވެސް އަހަރެން އޭނާއަށް މިހެން މެސެޖެއް ލިޔެފީމެވެ. “ކަލާދެކެ މިހާވަރަށް ލޯބިވުމަކީ އަހަންނަކަށް ދެން ކެތްކުރެވޭނެ ކަމެއް ނޫން. މިއީ ކަލާއަށް ފަސޭހަކަމަކަށް ވެދާނެ. ކަލާގެ ހިތުގައިވާ އެއްޗެއް އަހަންނަށް އެނގޭނެ ގޮތެއް ނެތް. އެކަމަކު ކަލާ ކޮންމެ ފަދައަކުން ވީ ނަމަވެސް އަހަރެން ކަލާ ދެކެ ލޯބިވާނަންކަން ޔަގީން ކުރޭ.”

ޝައިނާ އޭގެ ޖަވާބު ފޮނުވީ މިހެންނެވެ. “ކަލާ ދެކެ އަހަރެން ލޯބިވާ ވަރު ހާމަކޮށް ދެވޭނެ ނަމައޭ ހިތަށް އަރާ. އަހަރެން އެދެނީ ކަލާ އަހަރެން ދެކެ ދުވަހަކުވެސް ފޫހި ނުވެ މިގޮތުގައި އަހަރެން ދެކެ ލޯބިވަމުން ގެންދިއުން.”

އަހަރެން ލިއުނީމެވެ. “އަހަރެމެން ދެމީހުން ގުޅުނީ ތަގުދީރުގައި އެކަން އެގޮތަށް ވާން ހުރެގެން ކަމަށް ވާނަމަ އަހަރެން އެކަމަކާ ޝަކުވާއެއްނެތް. ދެމީހުން ހަގީގީ ދުނިޔޭގައި ބައްދަލުވުމަށް ތަގުދީރުގައި ވާނަމަ އެކަން އެގޮތަށް ވާނެކަން ގައިމު.”

ބައްދަލުވާނީ ކޮން އިރަކުންހޭ އަހަރެން ކުރާ ކޮންމެ ސުވާލަކަށް އޭނާ ދޭ ޖަވާބަކީ ” ހުރޭ. ކެތް ކޮށްބަލަ. މާލަހެއް ނުވެ. ލޯބިވަމޭ ” މިފަދަ ޖަވާބެކެވެ. އިންތިޒާރު ކޮށްކޮށް ވަރުބަލިވެގެން ވެއްޓޭ ވަރުވެއްޖެއެވެ.

އަހަރެންނަށް މިވާވަރު އޭނައަށްވެސް ވާނެކަން ހަމަ ޔަގީނެވެ. އޭނާގެވެސް އޮންނާނީ ހިތެކެވެ. މަހުގެ ފަހުކޮޅަށް ދިޔަތަނާ ކުއްލިއަކަށް އޭނާގެ މެސެޖް ހުއްޓިއްޖެއެވެ. އެވީ ކީއްބާވައެވެ. އޭނާ ހިތްހަމަ ނުޖެހޭ ކަހަލަ އެއްޗެއް އަހަންނަށް ބުނެވުނީ ބާއެވެ. އެކަހަލަ އެއްޗެއް ހަމަ ޔަގީނުންވެސް އަހަރެން ނުބުނަމެވެ. ޔަގީން ކޮށްލުމަށް އަހަރެން ފޮނުވި މެސެޖްތައްވެސް ބަލައިފީމެވެ. ފަހަރުގައި އޭނާގެ ޕްރީޕެއިޑްގެ އެކައުންޓް ހުސްވީކަން ނޭނގެއެވެ. އެހެންވެ ކާޑެއް ގަނެފައި ނަމްބަރުވެސް ފޮނުވައިފީމެވެ. އަހަރެން ގުޅަންވެސް ގުޅައިފީމެވެ. އޭނާ ފޯނެއް ނުނަގައެވެ. އެހެންނަމަވެސް އަހަންނަކަށް މެސެޖް ނުފޮނުވައި ކެތެއް ނުކުރެވުނެވެ. އެހެންކަމުން އަހަރެން މެސެޖް ފޮނުވަމުން ދިޔައިމެވެ. ސުވާލު ކުރަމުން ދިޔައިމެވެ. ޝަކުވާ ކުރަމުން ދިޔައިމެވެ.

-ނުނިމޭ-