ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާން ރާއްޖެއާ ފޭއަށް ޖެހެމުންދާ ކަމަށް މެޓުއޮފީހުން ބުނެފިއެވެ.
އެ ތަނުން ބުނެފައިވަނީ ތޫފާން ރާއްޖެއާ ދުރަށްދާ ވަރަކަށް ވިއްސާރައިގެ އަސަރު ކުޑަވާނެ ކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުވެސް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ނުދައްކާ ކަމަށް މެޓުން ބުނެފައިވެއެވެ.
އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށްވެސް މެޓުން ބުނެފައިވެއެވެ. މެޓުން މިރޭ ވަނީ ވަނީ ހއ. އާއި ވ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައެވެ. އޭގައި ބުނެފައިވަނީ ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެދާނެ ކަމަށެވެ. ރާއްޖޭގެ ބައެއް ހިސާބުތަކަށް ވާރޭ ނުވެހުނަސް ވައިގަދަވެ ކަނޑު ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓުން ބުންޏެވެ.
ވިއްސާރައިގައި ރާއްޖޭގެ ކަނޑުމަތޫގައިވަނީ 14 އަށްވުރެ ގިނަ ހާދިސާ ހިނގައިފައެވެ. ލަންކާކައިރީގައި އުފެދުނު ތޫފާން މިހާރުވަނީ އިންޑިއާއަށްވެސް އަރައިފައެވެ. ތޫފާންގެ ސަބަބުން އިންޑިއާއިންވަނީ މަދުވެގެން 12 މީހުން މަރުވެފައި ކަމަށް އެގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވެއެވެ. ތޫފާންގެ ސަބަބުން ލަންކާއިންވަނީ 5 މީހުން މަރުވެފައެވެ.