ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޝައިޚް ޢުޘްމާން ޢަބްދުﷲ މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.
ޝައިޚް ޢުޘްމާން ޢަބްދުﷲ އަކީ ރާއްޖޭގައި ދީނީ ވައުޟު ނަސޭޙަތް ދެއްވުމުގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެކެވެ. އެގޮތުން ބޭރުން ދީނީ ޢިލްމު އުނގެނި ވަޑައިގެންނެވުމަށްފަހު ރާއްޖެ ވަޑައިގެން ނަސޭހަތް ދެއްވުމަށް އެކި ރަށްރަށަށް ޒިޔާރަތް ކުރެއްވިއެވެ. އޭގެފަހުން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މަޝްހޫރު ތޮއިބާ ސްކޫލް އުފައްދަވައި އެތަން އުވާލަންދެން އޭނާވަނީ އެތަނުގައި ކިޔަވައިދެއްވާފައެވެ.
ޝައިޚް ޢުޘްމާން ޢަބްދުﷲ ވަނީ އޭނާގެ އުފަން ރަށް ށ. މަރޮށީގައި ހުންނަ އާއިލީ ސްކޫލެއް ކަމަށްވާ މަދްރަސަތުލް މުނައްވަރާގެ ކަންކަން އަމަލީގޮތުން ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތުވެސް އުފުއްލަވައިފަ އެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ވަރަށް ގިނަ ރަށްރަށަށް ޝައިހް ވަނީ ޒިޔާރަތް ކުރައްވައި، ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވައިފަ އެވެ.
އެކަމުގެ އަގުވަޒަންކޮށް އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ޚިދުމަތްކުރުމާއި ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝައިޚް ޢުޘްމާނަށް 2012 ވަނަ އަހަރު ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެއްވައިފަ އެވެ.
ރާއްޖޭގައި ޒަކާތުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެންމެ ބޮޑަށް މަސައްކަތްޕުޅެއް ކުރެއްވި އެއް ބޭފުޅަކީވެސް ޝައިޚް ޢުޘްމާނެވެ.
އެގޮތުން 1983 ވަނަ އަހަރު، އޭރުގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ޒަކާތާބެހޭ އޮފީހުގެ ނަމުގައި އޮފީހެއް އުފައްދަވައި، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު، ޝައިހް އުސްމާނާ ހަވާލުކުރެއްވި އެވެ. އަދި ކުރީގެ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އުފެދުނީއްސުރެ، މުދައްރިސެއްގެ ގޮތުން ޝައިޚް ޢުޘްމާން ވަނީ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފަ އެވެ. އަދި އިމާމުން ތަމްރީނުކުރާ ކޯހުގައި ވެސް ވަރަށް މުހިންމު ހިއްސާއެއް އަދާކުރެއްވި އެވެ.
ޝައިޚް ޢުޘްމާން ވަނީ ޒަކާތާބެހޭ އޮފީހުގެ އިތުރުން، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގަޔާއި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަޔާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފަ އެވެ.