އުސް އިމާރާތްތަކުގެ ދޮރުތަކާއި ކުޑަދޮރުތައް ރައްކާތެރިކަމާއެކު ރަނގަޅަށް ލައްޕާފައި ބެހެއްޓުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން މިކަމަށް އިލްތިމާސް ކުރީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ޓެރަސް މަތީގައި ހުންނަ ގަސްމުށިތަކާއި އަދިވެސް އެފަދަ އެހެން ސާމާނުތައް ވަޔާ ހިނގައިދާނެތީއެވެ. އެހެން ކަމުން އެފަދަ ސާމާނުތައް ނުވަތަ އެއްޗެހިތައް ރައްކާތެރިކުރުމަށްވެސް އެތަނުންވަނީ އިލްތިމާސް ކޮށްފައެވެ.
ވައި ގަދަވުމުގެ ސަބަބުން އިމާރާތްތަކުގެ ދޮރުފަތްތައް އެއްލައިލައި، މީހުންނާ ތަކެއްޗަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެހެން ކަމުން ވީހާސް ރައްކާތެރިވާނެ ގޮތަށް އެތަންތަން ބަންދުކޮށްފައި ބެހެއްޓުމަށް އެމްއެންޑީއެފުންވަނީ އަދިފައެވެ.
ރާއްޖޭގެ ދެކުނަށްވުރެ ބޮޑަށް ވިއްސާރައިގެ އަސަރު ކުރަމުންދަނީ އުތުރުގެ އަތޮޅުތަކަށެވެ. މި ވިއްސާރައަކީ ސްރީ ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަޑުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މެޓު އޮފީހުންވަނީ ވިދާޅުވެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހއ.އިންފެށިގެން ވ. އަތޮޅާ ދެމުދުގެ ރަށްތަކަށް މެޓު އޮފީހުންވަނީ ޔެލޯ އެލާޓް ނެރެފައެވެ. މި ވިއްސާރައިގައި ވިލާގަނޑުތެރޭ 55 މޭލަށް ވައިގަދަވާނެ ކަމަށް މެޓު އޮފީހުންވަނީ ހާމަކޮށްފައެވެ.