English Edition
Dhivehi Edition

ދަރިމައިވުމުގެ މައްސަލަތަކުގެ ތެރެއިން ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ކަންކަމަކީ، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ފާރޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން އައި.ވީ.އެފް ހެދުމަށް ފޯރުކޮށްދޭ މާލީއެހީއަށް ހޮވިފައިވާ ފަރާތްތަކަށް، އެ އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ސޯލްޓްކެފޭ އެންޑް ރެސްޓޯރެންޓްގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ފާރޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މަސައްކަތް ފާހަގަކުރައްވައި، އެޖަމްޢިއްޔާގެ ހިންގުންތެރީންނަށް ހިއްވަރުދެއްވިއެވެ.

މީގެ އިތުރުން ޖަމްޢިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން އާއްމުން ހޭލުންތެރިކުރުވުމާއި، ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވުމަކީ، ސިޔާސަތުތައް ކަނޑައެޅުމާއި ތަންފީޒް ކުރުމާއި ކަންކަން ރަނގަޅު ކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އުފަންވެނި ސިއްޙަތާއި، ދަރިމައިވުމުގެ ޞިއްޙަތު އަދި ދަރިން ލިބޭ މިންވަރާ، ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ބޯހިމެނުމުގެ ތަފާސް ހިސާބުތައް ފާހަގަކުރައްވައި އެކަމަނާ ވަނީ، މިދިޔަ އަހަރާއި ހަމައަށް އައިރު ކުދިން ހޯދާ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރައްވައިފައެވެ.

އެކަމަނާ ވިދާޅުވީ، އެއީ ޙާއްސަގޮތެއްގައި ސަމާލުކަންދޭންޖެހޭ މުހިއްމު މައްސަލައެއްކަމުގައި ދެކިގެން ސަރުކާރުން ދަނީ ފާރޓިލިޓީ ސަޕޯޓާއި ގުޅޭ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަފުޅުގައި، ދަރިމައިވުމުގެ މައްސަލަ ދިމާވާ އާއްމު ސަބަބުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެކަމަނާ ވިދާޅުވީ، ދަރިމައިވުމާއި ގުޅޭ މުޅި މައްސަލައަށް ހައްލެއް ހޯދަން ޖެހޭކަމަށެވެ. އަދި ރަނގަޅުކާނާ ކެއުމާ ކަސްރަތު ކުރުމާ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރާހޭދަ އިތުރުކުރަންޖެހޭ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މިއަދުގެ މިރަސްމިއްޔާތުގައި، ފާރޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެހީ ލިބުނު 5 ދެމަފިރިއަކަށް އެ އެހީ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. ފާރޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އައި.ވީ.އެފް ފަންޑް އިފްތިތާޙްކޮށްފައި ވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގައެވެ.