English Edition
Dhivehi Edition

އިންސާނުންނަކީ ހިތާމައާއި އުފަލާއި، ހިތްދަތިކަން އިޙްސާސްކުރަން ޖެހޭ ބަޔެކެވެ. ހަޔާތުގެ އެކި ދުވަސްތަކުގައި އެކި މަރުހަލާތަކާއި ކުރިމަތިލާން ޖެހެއެވެ. ނަމަވެސް އެއީ އެކި މީހުންނަށް އެކި މިންވަރަށެވެ. ބައެއް މީހުންނަށް ވަރަށް ބޮޑަށް އެއަސަރުތަކުގައި އުޅެން ޖެހޭއިރު އަނެއްބަޔަކަށް އެއިގެ އަސަރު ކުރަނީ ވަރަށް ކުޑަކޮށެވެ. ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި އިންސާނާއަކީ ބަނދެވިފައިވާ މީހެކެވެ. މީގެ މާނައަކީ އެމީހަކު މިދުނިޔެއާއި ވަކިވަންދެން އެމީހަކު އުޅެން ޖެހިފައިވަނީ ވަކި ކަހަލަ ނިޒާމެއްގެ ތެރޭގައެވެ. އެނިޒާމަށް ‘ލައިފް ސައިކަލް އޮފް ހިއުމަން’ އޭ ކިޔައެވެ. މިނިޒާމްގައި ވާގޮތުން ކޮންމެ މީހެއްގެވެސް ހަޔާތުގެ ބޮޑުބައި ހޭދަ ކުރަން ޖެހިފައި އޮންނަނީ ފިކުރުކުރުމާއި، ހިތްދަތިކަމާއި ދެރަކަންތައްތަކާއި ކުރިމަތި ލުމުގައެވެ. އެހެންގޮތަކަށް ދަންނަވަނީ ނަމަ ‘ޓެންޝަން ބިލްޑް’ ކުރުމުގައެވެ. މިމަރުހަލާ ކޮންމެ މީހަކަށްވެސް އަންނާނެއެވެ. ނަމަވެސް އެކި މީހުން މިމަރުހަލާގައި ހޭދަކުރާ ދުވަސް ތަފާތުވެއެވެ. މިމަރުހަލާގައި ގިނަ ދުވަސްވެގެން ދާނަމަ މީހާ ޑިޕްރެޝަން ކަހަލަ ނުރައްކާތެރި ބަލިތަކަށް ދިޔުމަށް މަގުފަހިވެގެން ދާނެއެވެ. އެހެންކަމުން ކަމުގެ އިލްމުވެރިން އަބަދުވެސް ބާރުއަޅާ އެއްކަމަކީ މިމަރުހަލާގައި އިންސާނާ ހޭދަކުރާ މުއްދަތު ކުރުކުރުމަށް މަސައްކަތްކުރުމެވެ. ފުރަތަމަ މަރުހަލާގައި ހޭދަކުރާ މުއްދަތު ކުރުކުރުމަށް ކުރެވިދަނެ އެންމެ ރަނގަޅު ކަމަކީ ދެވަނަ މަރުހަލާ އަށް ދިޔުމަށް މަސައްކަތް ކުރުމެވެ. ދެވަނަ މަރުހަލާ އަކީ ‘އެކްސްޕޮލޯޝަން’ ނުވަތަ ފަޅައިގެންދާ މަރުހަލާއެވެ. މިމަރުހަލާއަށް މިހެން ނަންދެވިފައިވަނީ އިންސާނާގެ ސިކުނޑީގައި ހުންނަ ވާހަކަތަކާއި، އިޙްސާސްތައް އެހެންމީހަކާއި ހިއްސާކުރާ މަރުހަލާއަށް ވާތީއެވެ. މިއީ އެމީހަކަށް ދިމާވެފައިވާ ނުތަވަނަސްކަމަކުން ސަލާމަތްވުމަށް އެންމެ ފަސޭހައިން ހޯދައި ގަނެވޭނެ ފަރުވާއެވެ. އެމީހަކު އިތުބާރުކުރެވޭ ގާތްމީހަކަށް ނުވަތަ ރައްޓެއްސަކަށް ހިތުގައި ހުންނަ ހުރިހާ ވޭނީ އަސަރުތައް ކިޔައި ދިނުމުން މިމަރުހަލާގެ ނިމުމަކަށް އާދެއެވެ. މިމަރުހަލާ ނިމުމަކަށް އަންނައިރު އެމީހަކަށް ހިތްހަމަޖެހުމާއި، އުފާވެރިކަމުގެ އިޙްސާސް އަންނާނެއެވެ. ފަހު މަރުހަލާއެއްގެ ގޮތުގައި އަންނާނީ ‘ހަނީމޫން ‘ ގެ މަރުހަލާއެވެ. މިމަރުހަލާގައި އުފާވެރި ދުވަސްތައް ހޭދަކުރެވޭނެއެވެ. އެކަކު އަނެކަކަށް އަޅާލާނެއެވެ. އަދި އެކަކު އަނެކަކުގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް، ދެވަނަ މަރުހަލާގައި ހިއްސާކުރެވުނު ކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރާނެއެވެ. އެހެންނަމަވެސް މިމަރުހަލާގައި ގިނަ މީހުންނަށް ހޭދަ ކުރެވޭނީ ވަރަށް ކުރު މުއްދަތެކެވެ. އެއަށްފަހު އަނެއްކާވެސް ފުރަތަމަ މަރުހަލާ ފެށިގެންދާނެއެވެ. އަދި މިގޮތަށް މިތިން މަރުހަލާ އަށް ބަދަލުވަމުން ދާނެއެވެ. މިދުނިޔޭގައި އުޅޭއިރު އެއްވެސް އިންސާނަކަށް ހުރިހާކަމެއް ފުދިގެން ހިތްހަމަޖެހިގެން ނޫޅެވޭނެއެވެ. އެންމެ އުފާވެރިކޮށް އުޅޭމީހާގެވެސް އެހެންމީހުންނަށް ނޭނގޭ ހިތްދަތި އިޙްސާސްތަކާއި ވޭނީ ކެކުޅުންތައް ތަހައްމަލް ކުރާނެއެވެ. އެކަންތައްތަކާއި ދުރުވެގަތުމަށް ހަޔާތުގެ މިތިން މަރުހަލާ އަވަސްއަވަހަށް ބަދަލުކުރުން މުހިއްމެވެ. އަދި ފުރަތަމަ މަރުހަލާގައި ހޭދަކުރާ މުއްދަތު މަދުކުރުމަށް މަސައްކަތްކުރަން ޖެހެއެވެ.