English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ފަތިހު، މާލެ، މަޖީދީމަގު، ގަލޮޅު ދަނޑު ސަރަހައްދުން މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓުވި، ގައުމީ ޔުނިވަސިޓީގެ ލެކްޗަރަރއެއް ކަމަށްވާ ހަފީޒު، ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވެދިން މީހުން ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުންގެ އިއުލާނުގައި ވަނީ އެމީހުން ހޯދަނީ އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.

އެ އެކްސިޑެންޓްގައި ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާ އަށް ފުރަތަމަ ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫ ގައެވެ. އަދި އެއަށްފަހު މިހާރުވަނީ އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްފައެވެ. އޭނާ އިތުރު ފަރުވާއަށް ގެންދިޔައީ އެއަރ އެމްބިއުލާންސްގައެވެ.

އޭނާ އެކްސިޑެންޓްވީ ފަތިސް ނަމާދަށް ފަހު މިސްކިތުން ފައިބައިގެން ދަނިކޮށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ.

އެއެކްސިޑެންޓު ހިނގިއިރު ސައިކަލު ދުންވަން އިން މީހާ އަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ސައިކަލު ދުއްވީ ލައިސަންސް ނެތް މީހެއް ކަމަށެވެ. އަދި އެމީހާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

އަނިޔާވި މީހާއަށް އެހީތެރިވި މީހުން ނުވަތަ އެމީހުންނާއި ގުޅޭ މައުލޫމާތު އެނގިލައްވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުން ފުލުހުން އެދިފައިވެއެވެ.