English Edition
Dhivehi Edition

ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް އޭގައި މިރޭ ކުޅުނު މެޗުގައި އިންޑިއާއިން ނޭޕާލް ބަލިކޮށްފިއެވެ.

މި މެޗުގައި އިންޑިއާއިން ނޭޕާލް ބަލިކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މިރޭ ނޭޕާލްގެ މައްޗަށް އިންޑިއާއިން ކުރި ހޯދުމުން، މިހާރު ވަނީ ގްރޫޕް އޭއިން ސެމީ ފައިނަލަށް ދާ ދެ ޓީމު ކަށަވަރުވެފައެވެ. ސެމީގެ ޖާގަ ކަށަވަރުވި ދެ ޓީމަކީ އިންޑިއާ އާއި ކުވައިތުއެވެ.

މި ދެ ޓީމަށް ސެމީ ޔަގީންވެފައިވަނީ ދެ ޓީމުންވެސް މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްގެންނެވެ.

ގުރޫޕް ސްޓޭޖުގައި އިންޑިއާ އަށްވެސް އަދި ކުވައިތައްވެސް ބާކީ އެއް މެޗު އޮތްއިރު، މި މެޗުތަކުން ކަނޑައެޅިގެންދާނީ ގުރޫޕުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

އެންމެފަހުން އޮތް ގްރޫޕްގެ މެޗުތަކުގައި އިންޑިއާ ނުކުންނާނީ ކުވައިތާ ދެކޮޅަށެވެ. ޕާކިސްތާނުން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ދެ ޓީމަށް ވެސް ނަތީޖާ ނެރެން ފުރުސަތުވެސް ލިބުނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނުއިރު، ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

މި މެޗުގައި އިންޑިއާއިން ޖެހި ދެ ލަނޑުވެސް ފެނިގެން ދިޔައީ ފަހު ހާފުގައެވެ. އިންޑިއާއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 61 ވަނަ މިނެޓުގައެވެ. މަހޭޝް ސިންހް ނައޮރޭހް ދިން ބޯޅައަކުން އިންޑިއާއަށް ލީޑުނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޗެތުރީއެވެ. އޭނާ ގޯލު ކާމިޔާބުކުރީ ނޭޕާލްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އިންޑިއާއިން ލީޑުނެގިތާ މާ ގިނައިރުތަކެއް ނުވެ ދެވަނަ ލަނޑެއް ޖަހާ އިންޑިއާއިން މެޗުގެ ލީޑު ފުޅާކުރިއެވެ. މެޗުގެ 70 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ މަހޭޝް ސިންގް ނައޮރޭމެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ ގުރޫޕް ބީ ގެ ދެ މެޗެވެ. އެގޮތުން 15:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި ބަންގްލަދޭޝްއެވެ. އަދި މާދަމާ ރޭ 7 ޖަހާއިރު، ކުޅޭ މެޗުގައި ބައްދަލުކުރާނީ ލުބުނާނާއި ބޫޓާނެވެ.