އަންނަ ހަފްތާ ތެރޭގައި އައްޑޫސިޓީގައި އަޅާ ޕްރީފެބް ގެތައް ރޭވުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
‘ޕީއެސްއެމް’ ނިއުސްއަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ ބޯ ހިޔާވަހިކަމަށް ދަތިނޫން ގޮތަށް އައްޑޫގައި ރައްޔިތުންނަށް އުޅެވޭނެގޮތް ފަހިކުރަންޖެހޭކަމަށެވެ. މިހާރު ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ މިހާތަނަށް ދޫކޮށްފައިވާ ގޯތިތަކުގައި މީހުން އުޅެވޭނެގޮތް ހެދުންކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ އެގެތަކުގައި މީހުން ނޫޅޭ ސަބަބު ހޯދައި އެކަމަށް ހައްލެއް ހޯދައިދިނުމަކީވެސް މުހިންމުކަމެއް ކަމަށެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނަށް ގޯތިގެދޮރު އެޅުމަށް ހުރި މާލީ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތައް އަލި އަޅިވާލަމުން ނިޒާރު ވިދާޅުވީ ތުރިކީވިލާތުގެ ކުންފުންޏަކާ ގުޅިގެން ޕްރީ ފެބް ނުވަތަ ރާވާލެވޭ ގެތަކެއް އެ ސިޓީއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާތަނަށް އެ ގެތައް ރޭވުމުގައި ލަސްތަކެއް އައީ ތުރުކީން އަންނަ އިންޖިނިއަރު އައުމުގައި ލަސްތަކެއް ހުރުމުންކަމަށް ނިޒާރު ވިދާޅުވިއެވެ.
މި ފެށޭ ހަފްތާގައި އިންޖިނިއަރުން އައްޑޫ ސިޓީއަށް އައިސް، އެ ގެތައް ރޭވުމުގެ މަސައްކަތް ފަށްޓަވާނެކަން ހާމަކުރައްވަމުން ނިޒާރުވަނީ މިއީ ގެ ނޭޅޭ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހައްލެއް ކަމަށެވެ. މީގެ އިތުރުން ނިޒާރު ވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން ކައުންސިލުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ވިދާޅުވެފައެވެ.
މި ވަގުތު އައްޑޫ ސިޓީގައި އަޅާ ޕްރީފެބް ގެތަކަކީ ތިން ކޮޓަރި އާއި ބަދިގެ ފާހާނާ އަދި ސިޓިންރޫމް ހިމެނޭ ގެތަކެވެ.