English Edition
Dhivehi Edition

މޯލްޑިވްސް ބޮޑީ ބޯޑިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި، “ބުރުނު ޝިކާރު ބޮޑީ ބޯޑިންގ ޗެލެންޖް 2023” ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ، މިއަދު ހަވީރު، މާލޭ ލޮނުޒިޔާރަތްކޮޅު، ރާޅުގަނޑު ސަރަހައްދުގައެވެ.

މުބާރާތުގެ 3 ކެޓަގަރީގެ ފައިނަލް ހީޓްތައް މިއަދު ކުރިޔަށް ގެންދިޔައިރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފައިނަލް ހީޓްތައްވެސް ބައްލަވާލައްވާފައެވެ. މުބާރާތުގެ ޖޫނިއަރ ޑިވިޜަން، މެންސް އޯޕަން ޑިވިޜަން އަދި ޑްރޮޕްނީ ޑިވިޜަންގެ ޗެމްޕިއަނުންނާއި 2 ވަނަ އަދި 3 ވަނަ ހޮވާފައި ވާއިރު، ޖޫނިއަރ ޑިވިޜަންގެ ޗެމްޕިއަން އެތުލީޓަށާއި، 2 ވަނަ އަދި 3 ވަނަ އެތުލީޓަށް އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ފެށުމުގެ ކުރިން ވަނީ، ބޮޑީ ބޯޑިންގއަށް ގިނަ ޚިދުމަތްތަކެއްކޮށްދެއްވި، އަދި ސަރފިންގ އެސޯސިއޭޝަންގެ ބޯޑު މެމްބަރުކަންވެސް ކުރެއްވި، އަލްމަރްހޫމް އިބްރާހީމް އަޙްމަދު ޝުކޫރުގެ ހަނދާނުގައި، ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފައެވެ. މި ހަނދާނީ ހަމަހިމޭންކަމުގެ ސުކޫތުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިމަހުގެ 18އިން 20އަށް ލޮނުޒިޔާރަތްކޮޅު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށް ގެންދިޔަ، “ބުރުނު ޝިކާރު ބޮޑީ ބޯޑިންގ ޗެލެންޖް 2023” އަކީ، ޤައުމީ ބޮޑީ ބޯޑިންގ ލީގުގެ ފުރަތަމަ މުބާރާތެވެ.

މިއީ މިނަމުގައި ބޭއްވި 5 ވަނަ މުބާރާތެވެ. މިމުބާރާތުގެ 3 ކެޓަގަރީގައި ޖުމުލަ 25 އެތުލީޓުން ވާދަކުރިއެވެ.