English Edition
Dhivehi Edition
ހައި ކޯޓު ދެކުނު ގޮފި

މަންމައަށް މަރުގެ އިންޒާރު ދިން މީހަކު ދެ މަސް ދުވަހަށް ޖަލަށް ލާން އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން މިދިޔަ ހަފްތާގައި މީދޫ ކޯޓުން ހުކުން ކޮށްފައިވަނީ ސ. މީދޫ/ ބަށިމާގެ, އަފްސަން ލަތީފެވެ.

އަފްސަންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ 27 އޮކްޓޯބަރު 2022 ދުވަހުގެ ރޭގަނޑު އޭނާ ދިރިއުޅޭ ގޭގައި ހުރެ އޭނާގެ މަންމައަށް މަރުގެ އިންޒާރު ދީފައިވާ ކަމުގެ ދައުވާއެވެ.

މި މައްސަލާގައި ކުރާ ދައުވާއަށް އަފްސަން އިންކާރުކުރި ނަމަވެސް އިފުތިތާހީ ބަޔާން ހުށަހަޅަމުން އޭނާ ވަނީ އެއީ ހިނގާފައިވާ ހާދިސާއެއް ކަމަށް އެއްބަސްވެފައެވެ. އަދި އެ ދުވަހު މަސްތުގެ ހާލަތުގައި ހުރުމުން ސީދާ ބުނެވުނު އެއްޗެއް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. މި މައްސަލައިގައި ދައުލަތުން ހެކީގެ ގޮތުގައި އޭނާގެ މަންމަ ހިމެނޭހެން ތިން މީހެއްގެ ހެކިބަސް ނަގައިފައިވާއިރު އަފްސަންގެ ފަރާތުން ދިފާއީ ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

އެހެންނަމަވެސް އޭނާ ވަނީ މި މައްސަލައިގައި އަދަބު ލުއިކޮށްދިނުމަށް އެދިފައެވެ. އެހެންނަމަވެސް މި މައްސަލަ ބެއްލެވި ގާޒީ ވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މާތްކަމާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އަދި އަފްސަންގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅާ އެ ކުށުގެ އަދަބެއްގެ ގޮތުން ދެ މަހާއި ތިން ދުވަހަށް ޖަލަށްލާން ވަނީ ހުކުންކޮށްފައެވެ.