English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބު އާއި ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ނިންމައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ މީދޫ ކޯޓުގެ މެޖިސްޓްރޭޓާއި ގުޅޭ ގޮތުން ހުށަހަޅާފައިވަނީ ކޯޓަށް ހުށަހެޅި މައްސަލައަކީ، ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެންދިއުމުން، އެ މައްސަލައިގައި ގޮތެއް ނިންމެވުމުގައި ގާނޫނާއި ހިލާފަށް އަމަލުކުރައްވާފައިވާތީ ކަމަށެވެ. އަދި ފުވައްމުލަކު ކޯޓުގެ އިސް މެޖިސްޓްރޭޓާއި ގުޅޭ ގޮތުން ހުށަހަޅާފައިވަނީ، އޭނާ ކުރެއްވި ހުކުމެއްގައި، ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓު ދޫކުރި ފަހުން އެ ރިޕޯޓަށް ބަދަލު ގެނެސް، ބައެއް ނުކުތާ އިތުރު ކުރި މައްސަލަ ކަމަށެވެ.

މި ދެ މެޖިސްޓްރޭޓުންގެ ސްލޫކީ މައްސަލަތައް ތަހުގީގު ކުރުމަށް، ޖޭއެސްސީން މިހާރު ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާއިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީއާ ދެކޮޅަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް ތަހުގީގު ކުރުމަށް އޭނާ ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.