English Edition
Dhivehi Edition
ފޮޓޯ: ތޯޓްކާޑް.ކޮމް

ޔޫރަޕްގެ ފިނި މޫސުމާއި ދިމާކޮށް، ވަރޖިން އެޓްލާންޓިކް އިން އަންނަ އޮކްޓޯބަރު މަހު ރާއްޖެއަށް ދަތުރު ފެށުމަށް ތާވަލުކޮށް ޓިކެޓް ވިއްކަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ އެއަރލައިންއެއް ކަމުގައިވާ ވަރޖިން އެޓްލާންޓިކް އިން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ލަންޑަންގެ ހީތުރޯ އެއަރޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ދެމެދުއެވެ. އެގޮތުން ހަފްތާއަކު 3 ދުވަހު ރާއްޖެއާއި ދެމެދު ދަތުރުކުރުމަށް އެ އެއަރލައިން އިން ވަނީ ނިންމައިފައެވެ.

ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަަށް އަހަރުގެ ފަހުކޮޅު ފެށުމަށް ތާވަލުކޮށްފައިވާއިރު، އެއީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްވަރެވެ. މިދިޔަ އަހަރު އެކަނިވެސް 3 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އިނގިރޭސި ވިލާތުން ޒިޔާރަތްކޮށްފައިވާއިރު އެއީ މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 10 އިންސައްތައެވެ.

ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަަށަން ތައްޔާރުވަމުންދާއިރު، މިހާރު ރާއްޖެއަށް 36 އެއަރލައިނަކުން ދަނީ ބައިނަލްއަޤްވާމީ ދަތުރުތައް ބާއްވަމުންނެވެ. އަދި ވަރޖިން އެޓްލާންޓިކް އިން މިހާރުވެސް އަންނަނީ ދުނިޔޭގެ 35 އަށް ވުރެ ގިނަ މަންޒިލަށް ދަތުރުކުރަމުންނެވެ.