English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ރާއްޖޭގައި ފުރަތަމަ ފަހަރަށް “ސިވިލް ސޮސައިޓީ އެވޯޑްސް”ގެ ނަމުގައި ތަޢާރަފްކުރި އެވޯޑް 10 ޖަމިއްޔާ އަކަށް ދެއްވައިފިއެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް އެވެ.

ސިވިލް ސޮސައިޓީ އެވޯޑުގެ މަޤްޞަދުތަކުގެ ތެރޭގައި، އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމްޢިއްޔާތައް އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަގުވަޒަންކުރުމާއި ދަރުމަވެރި ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުން ހިމެނެއެވެ.

މި ފަހަރު އެވޯޑު ދީފައިވާ ދާއިރާ ތަކަކީ:

– ތަޢުލީމީ ދާއިރާ
– ތިމާވެށީގެ ދާއިރާ
– ޙާއްސަ އެހީގެ ދާއިރާ
– މަސައްކަތްތެރިކަން ކުރިއަރުވާ އާލާކުރުން
– މަސްތުވާތަކެތިން މުޖުތަމަޢު ރައްކާތެރިކުރުން
– ޞިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖުތަމަޢަކަށް މަސައްކަތް ކުރުން
– ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާއި، ތާރީޚީ ތަރިކަ، ދިވެހިބަސް ދިރުވުން
– ފަންނުވެރިކަން (އާޓްސް) އަދި (އައިސީޓީ) ދާއިރާ ދިރުވައި އާލާކުރުން
– އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްޤުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުން
– ސްޕެޝަލް ރިކޮގްނިޝަން އެވޯޑް (މުޖުތަމައު ބާރުވެރިކުރުމަށް ކައުންސިލް ނުވަތަ ޖަމްއިއްޔާތަކުން ހިންގާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އެވޯޑް)
އެވެ.
މީގެ އިތުރުން މިއަހަރަށް މިނިސްޓްރީން އެވޯޑް ކުރި ގްރާންޑް ލިބުނު ޖަމިއްޔާ ތަކަށް ގްރާންޓް ހަވާލު ކުރުން ވެސް މި ރަސްމިއްޔާތުގައި އޮތެވެ.

މި ހަފްލާގައިވަނީ ޖަމިއްޔާތަކާއި ގުޅުން ހުރި މަސައްކަތް ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި އަވަސްކަމާއެކު ކުރިއަށް ގެންދިއުމަށް ތައްޔާރުކުރި “މީސް ޕޯޓަލް” އިފްތިތާޙް ކޮށްފައެވެ.

މީސް ޕޯޓަލްއަކީ ކުޅިވަރު ކްލަބްތަކާއި، މަދަނީ ޖަމްއިޔާތަކާއި، ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ރެޖިސްޓްރީ ކުރުމާއި، އެތަންތަން އިދާރީ ގޮތުން އަދި ގާނޫނީ ގޮތުން ހިންގުމުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ޔޫތު މިނިސްޓްރީން އުފެއްދި ޕޯޓަލްއެކެވެ.