English Edition
Dhivehi Edition

ކޮންމެ ރަށެއްގައި ވެސް ހުރި އިޖްތިމާޢީ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމްޢިއްޔާތައް ތެދުވުމަކީ މިހާރުން މިހާރަށް ވެސް ވަރަށް ބޭނުންތެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް “ސިވިލް ސޮސައިޓީ އެވޯޑްސް”ގެ ނަމުގައި ތަޢާރަފްކުރި އެވޯޑްދިނުމަށް މިރޭ ސޯސަލް ސެންޓަރ އިންޑޯ ހޯލްގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި މުޖުތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަކީ މިވަގުތު އަމާޒު ހިފަންޖެހޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. ސަރުކާރުން އެކި ދާއިރާތަކަށް ގެންނަ ކުރިއެރުންތަކުގެ، ޙަޤީޤީ އުފާވެރިކަން ލިބޭނީ މުޖުތަމަޢުގައި ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރީ އެކި މިންވަރަށް އަދި އެކިބާވަތުގެ އިޖުތިމާޢީ މައްސަލަތައްކަން ފާހަގަކުރައްވައި ކޮންމެ ރަށެއްގެ ޙާލަތަށް ރިޢާޔަތްކޮށް، މި މައްސަލަތައް ޙައްލުކުރުމުގައި ލާމަރުކަޒީ އުސޫލުން އެމަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަމަ އެއާއެކު މި މައްސަލަތައް ޙައްލުކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްޢިއްޔާތަކުގެ އިސްނެގުމާ އެއްބާރުލުން ކޮންމެހެން ބޭނުންވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޖުތިމާޢީ މައްސަލަތަކުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށާއި ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަކީވެސް އެހާމެ އިސްކަންދޭން ޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޖުތިމާޢީ މައްސަލަތަކާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ޚާއްޞަގޮތެއްގައި ޖަމުޢިއްޔާތަކުގެ އިސްނެގުމާއި ބައިވެރިވުން ބޭނުންވާ ދެ ދާއިރާކަން ފާހަގަކުރައްވައި މިއީ މަދަނީ ޖަމްޢިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަންތައްތަކެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަށް ވެސް ހުރިހާ ފަރާތްތަކެއްގެ ބައިވެރިވެރިވުމާއެކު ޚާއްޞަ މަސައްކަތްތަކެއް ފަށަން ޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިރޭ ބޭއްވި ޙަފުލާގައި ސިވިލް ސޮސައިޓީ އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ޙަފުލާގައި “މީސް ޕޯޓަލް” އިފުތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި އެން.ޖީ.އޯ ގްރާންޓް ލިބުނު ފަރާތްތަކަށް ގްރާޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ރާއްޖޭގައި އަލަށް ތަޢާރަފުކުރި ސިވިލް ސޮސައިޓީ އެވޯޑުގެ މަޤްޞަދުތަކުގެ ތެރޭގައި، އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމްޢިއްޔާތައް އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަގުވަޒަންކުރުމާއި ދަރުމަވެރި ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުން ހިމެނެއެވެ.