ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސްގެ މަގާމްގައި ހުންނެވި ޔޫސުފް މާނިއު އެ ކޮމިޝަނުގެ މެންބަރުކަމުން ވަކިކޮށްފިއެވެ
މިއަދު މާނިއު ވަޒީފާއިން ވަކިކޮށްފައިވާކަން އަންގާ ރައީސް އޮފީހުން އެންއައިސީއަށް ސިޓީއެއް ފޮނުވާފައިމިވަނީ މާނިއުގެ އިންޒާރުތައް ފުލުހުންނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު މަގާމަށް އައްޔަންކުރައްވާފައިވާ މާނިއުވަނީ އެންއައިސީން ބަލަމުންދާ ފުލުހުންގެ މައްސަލަތައް ބެލުމަށް ފުލުހުން އެއްބާރުލުން ނުދޭ ކަމަށް ބުނެ ފުލުހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން މާނިއު ވިދާޅުވީ ފުލުހުންނާ ގުޅޭ ގިނަ މައްސަލަތަކެއް އެންއައިސީގައި އެބަހުރި ކަމަށާއި އެމައްސަލަތައް ބެލުމަށް އެކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.
މާނިއު ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ސީދާ ސަބަބެއް އަދި އެގިފައިނުވާއިރު މިކަމާއި ގުޅިގެން މާނިއުގެ ބަހެއް ލިބޭގޮށްވަނީ ނުވައެވެ.