English Edition
Dhivehi Edition

އަމާޒަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫސިޓީ ބިން އިތުރުކުރުމުގެ މަޝްރޫޢު ރަސްމީގޮތުން ފަށްޓަވައިދެއްވުމަށް މަރަދޫއާ ހަންކެޑަ ގުޅޭ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިން އިތުރުކުރުމުގެ މި ބިޔަ މަޝްރޫޢާއެކު ތަރަޢްޤީގެ ހެޔޮބަދަލު އައްޑޫ ސިޓީގައި އަމަލީގޮތުން ފެށުނީ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ދުނިޔެއަށް ހުޅުވައިލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫސިޓީ ބަދަލުކުރުމަކީ، މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް ކަމަށާއި އަޑު މަޑުކުރުމަށްފަހު، މިއަދު ސަރުކާރުން މި ކުރަނީ އެކަމަށް ބޭނުންވާ ކަންކަން ކަމަށެވެ. އަދި އައްޑޫ ސިޓީއަށް ބަދަލު އަންނާނީ، އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދުވެސް އެނގޭ ކަމަށެވެ.

“މިއަދު ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ ޢަމަލީ މަންޒަރު. އައްޑޫގެ ތާރީޚުގައި ހިންގޭ ބިމާގުޅޭ އެންމެބޮޑު މަޝްރޫޢު މިހާރު އެވަނީ މެކުހަށް ޖަހާފައި” ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫޢާ މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ދަނީ ހަންކެޑެ ތަރައްޤީކޮށް ނިމޭއިރު އެތަނާގުޅޭ ޕްލޭނާ ވެސް އެއްގޮތަށްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކި ފަންތީގެ ފަތުރުވެރިކަމާއި ގުޅޭ ވަޞީލަތްތަކަށް ފަހިވާގޮތަށް ހަންކެޑަ ފަރުމާކޮށް ތަރައްޤީކުރާނީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޓުން ކަމަށް ވެސް ވިދާޅުވިއެވެ.

1.5 ބިލިއަން ރުފިޔާ ޚަރަދުކުރާ އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާއިރު، އިތުރު މަޝްރޫޢެއްގެ ދަށުން 42 ހެކްޓަރ ބިން ހުޅުމީދޫއަށް އިތުރުކުރުމަށް 179 މިލިއަން ރުފިޔާގެ މަޝްރޫޢެއް ހިންގޭނެއެވެ.