English Edition
Dhivehi Edition

އެމް.އެން.ޕީގެ ވެރިކަމެއްގައި ކަނޑުގެ އުޅަނދުފަހަރާއި އެއްގަމު އުޅަނދުފަހަރު އިންޝުއަރ ކުރެވޭނޭ އަގުހެޔޮ ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ “އާލާ” ބޯޓު ދިޔަވެ، އަޑިއަށް ދިޔަމުން އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ނާޒިމް ވިދާޅުވީ މިކަހަލަ ހިތާމަވެރި ހާދިސާތަކުން، ގެއްލިގެން ދަނީ އާއިލާތަކުގެ މުޅި ދިރިއުޅުން ކަމަށާއި ރަށްރަށުގެ މުދާ އުފުލުމުގެ އިންތިޒާމް އިންޝުއަރެންސް ޔަގީންކުރެވޭނޭ ފަސޭހަގޮތްތަކެއް ހަމަޖައްސަންޖެހޭ ކަމަށެވެ.

“މިކަހަލަ ހިތާމަވެރި ހާދިސާތަކުން، ގެއްލިގެން ދަނީ އާއިލާތަކުގެ މުޅި ދިރިއުޅުން. ރަށްރަށުގެ މުދާ އުފުލުމުގެ އިންތިޒާމް. އިންޝުއަރެންސް ޔަގީންކުރެވޭނޭ ފަސޭހަގޮތްތަކެއް ހަމަޖައްސަންޖެހޭ. އެމް.އެން.ޕީގެ ވެރިކަމެއްގައި ކަނޑުގެ އުޅަނދުފަހަރާއި އެއްގަމު އުޅަނދުފަހަރު އިންޝުއަރ ކުރެވޭނޭ އަގުހެޔޮ ގޮތްތަކެއް ހަމަޖައްސައިދޭނަން.” ނާޒިމް ގެ ޓްވީޓުގައި ވެއެވެ.

މުދާ ބަރުކޮށްގެން ދަނިކޮށް “އާލާ” ބޯޓު ދިޔަވެ، އަޑިއަށް ދިޔައީ ރޭ ފަތިހުއެވެ.

ގާތްގަޑަކަށް 13 މިލިއަން ރުފިޔާގެ މި އުޅަނދު އަޑިއަށް ދިޔައީ އެތައް ރަށަކުން އެތައް ބައެއްގެ ގިނަ އަދަދެއްގެ މުދަލާ ވެސް އެކުގައެވެ.

އެމްްއެންޑީއެފުން ބުނެފައިވަނީ ރ. މަޑުއްވަރީ “އާލާ” ބޯޓަށް ރާޅެއް އަރައި ދިޔަވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ ފަތިހު 5:22 ގައި ކަމަށާއި އޭރު ބޯޓު އޮތީ ބ. އޭދަފުށީގެ ދެކުނުން 2.5 މޭލު ބޭރުގައި ކަމަށެވެ.

އޭރު އެ ބޯޓުގައި 15 މީހުން ތިބި ކަމަށާއި އެއީ ބޯޓުގައި މަސައްކަތްކުރާ އަށް މީހުންނާއި ބޯޓުން ރަށްރަށަށް ދަތުރުކުރި ހަތް މީހުން ކަމަށް އެ ބޯޓުގެ ވެރިފަރާތާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފައެވެ.

އާލާ ބޯޓު އަޑިއަށް ދަނީ – ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ކޯސްޓްގާޑުން، އެ އެންމެން ސަލާމަތްކުރިނަމަވެސް މުދާ ސަލާމަތްކުރުމުގެ ކުރިން ބޯޓު ދިޔަވެ، ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.

މި ބޯޓަކީ އިންޝުއާ ކޮށްފައި އޮތް ބޯޓެއް ނޫން ކަމަށް ވެސް ވެރިފަރާތާއި ހަވާލާދީ ނޫސްތަކުގައި ބުނެއެވެ.