އައްޑޫ މަރަދޫފޭދޫގައި ތޫނު އެއްޗަކުން ހަމަލަދީ ރޭ ޒަހަމްކޮށްލި މީހާ އަށް އައްޑޫއިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ރޭ 23:38 ގައި ހިނގި މިހާދިސާގައި ނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނެކެވެ.
މި ހާދިސާއާއި ގުޅޭގޮތުން ނިޔާވި ފިރިހެން މީހާގެ އާއިލާއިން “އޭއޯ ނިއުސް” އަށް ބުނީ މާރާމާރީ ހިނގީ ފޯނެއްގެ މައްސަލައިގައި ކަމަށެވެ.
“އަހަރެން އެތެރޭގައި ހުއްޓާ އިވުނީ ހަޅޭލެވިއަޑު. ނިކުމެ ބަލާލިއިރު ކޮއްކޮގެ ފޯނު ބޭނެ ނެގިއޭ ކިޔާފައި އަނިޔާކުރަމުން ދިޔައީ” އާއިލާއިން މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.
ޒަޚަމްވި މީހާ ހޮސްޕިޓަލަށް ގެނަައިއިރުވެސް ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔައެވެ. އެމީހާ ހޮސްޕިޓަލަށް ގެނައުމާއެކު ވަގުތުން ފަރުވާދޭން ފެށި ނަމަވެސް ހާލު ސީރިއަސްވެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
މި ހާދިސާގައި ކޮއްކޮ ބޭބެގެ ގަޔަށް ވަޅި ހަރާ ވީޑިއޯ އެއްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތަން ފެނެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ލައިގެން ހުރި ހުދު ކުލައިގެ ގަމީސް ވެސް އޮތީ ލެއިން ތަތްތެޅިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކޮއްކޮ ބޭބެގެ ގަޔަށް ވަޅިހަރާފައިވަނީ މަސްތުގެ ހާލުގައި ހުރެގެންނެވެ. އަދި އަނިޔާދީފައިވަނީ އެމީހުން ދިރިއުޅޭ ގޭގެ ދުވާރުމަތީގައެވެ. މަންޒަރު ދުށް ބައެއް މީހުން ބުނީ ކޮއްކޮ، ބޭބެގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާއިރު، މެއަށްވެސް ވަޅި ހަރާފައި ވާކަމަށެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަޙުގީގު ކުރަމުން އަންނަކަމަށެވެ