English Edition
Dhivehi Edition

އަހަރެމެން އިންސާނުން ރޭގަނޑު ނިދާއިރު، ލައުނަތްލެއްވިގެންވާ ޝައިޠާނާ އިންސާނާގެ ބޮލުގު ފުށްކިބައިގައި ތިން ގޮށް ޖަހާކަމަށް މާތް ނަބިއްޔާ ޙަދީޘްކުރައްވަވާފައި ވެއެވެ.~

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ، فَارْقُدْ فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ، انْحَلَّتْ عُقْدَةٌ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ، فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ وَإِلَّا أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ» [متفق عليه]

މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު ނިދުމުން ޝައިޠާނާ އެމީހެއްގެ ފުށްކިބައިގައި ތިން ގޮށް ޖަހާނެއެވެ. އަދި ކޮންމެ ގޮށެއްގައި ޖަހާފައި ބުނާނެއެވެ. ފަހެ އޮށޯންނާށެވެ. ތިބާގެ ކުރިމަތީގައި ތިޔަވަނީ ދިގު ރެއެކެވެ. ފަހެ އެމީހަކު ހޭލާފައި ﷲ ގެ ޛިކުރުކޮށްފިއްޔާ ގޮށެއް މޮހެވިގެންދާނެއެވެ. ދެން ވުޟޫކޮށްފިއްޔާ ގޮށެއް މޮހެވިގެންދާނެއެވެ. އެއަށްފަހު ނަމާދުކޮށްފިއްޔާ ގޮށެއް މުހެވިގެންދާނެއެވެ. އޭރުން ހެނދުނުވާއިރު އެމީހެއްގެ ނަފްސު ހުންނާނީ ޙަރަކާތްތެރި ޙާލު، ހެޔޮކަމުގެ މަތީގައެވެ. ނޫންނަމަ ވާހުށީ ނުބައިކަމުގެ މަތީގައި ކަންނެތް ޙާލުގައެވެ.”

ވިސްނާ ފިކުރުކޮށްލަބަލާށެވެ. މިއަދު އަހަރެމެންގެ ތެރެއިން ފަތިސްނަމާދަށް ފަރުވާކުޑަކޮށް އެ ނަމާދު އަޅާ ނިދަން އޮންނަނީ ކިތައް މީހުންބާވައެވެ. ރޭގަނޑު ދަންވަންދެން ދުނިޔެވީ ކަންކަމުގައި ނުނިދާ ސަކަރާތުގައި އުޅެ ދަންވާފަހުން ނިދަން އޮށޯންނަނީއެވެ. ފަތިސް ނަމާދަށް އެއްވެސް ފަަރުވާތެރިކަމެއް ނެތިއެވެ. ޣާފިލު ކަންމަތީ ފަތިސް ނަމާދު އަޅަނީއެވެ.

އެހެންކަމުން އެފަދަ މީހުން ނަމާދުއަޅާ މުޅި ދުވަސް ހޭދަކުރާނީ ޝައިޠާނާ ޖެހި ގޮށްތަކާއި އެކުގައެވެ. އެހެންކަމުން އެ ދުވަހުގައި އެފަދަ މީހުންނަށް އޮންނާނީ ކޮން ބަރަކާތަކާއި ރައްކާތެރިކަމެއްތޯ އެވެ.

ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ރައްކާތެރިކަމާއި ބަރަކާތުން ފުރިގެންވާ އުފާވެރި ދުވަހެއް ފަށަން ބޭނުންނަމަ ފަތިސް ނަމާދުން ދުވަސް ފައްޓާށެވެ.

މަޢުލޫމާތު: އިސްލާމި ތިލަފަތުގެ ދަރުސަކުން