ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2023ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ތަޤްރީރު ކުރައްވާފައެވެ. އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.މި ކޮންފަރެންސް އޮތީ މިމަހުގެ 12 އަދި 13 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ
ދެ ދުވަހުގެ މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެން، ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ތަޤުރީރުކުރައްވާފައެވެ. އެމަނިކުފާނުގެ ތަޤުރީރުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުންދެމެހެއްޓުމަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގެ ތެރެއިން ނާއިބު ރައީސް ފައިޞަލް ނަސީމް ވަނީ ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވާފައެވެ. މިބައްދަލުކުރެއްވުން އޮތީ، ބަންގްލަދޭޝްގެ ރިޔާސީގަނޑުވަރު ގައެވެ.މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ، ބަންގްލަދޭޝްގެ އައު ރައީސްގެ މަޤާމާއި މުޙައްމަދު ޝަހާބުއްދީން ހަވާލުވެވަޑައިގެންވުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ތަޙްނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް 45 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.