English Edition
Dhivehi Edition
ފޮޓޯ: ފޮލިސް މީޑިއާ

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ގއ.ގެމަނަފުށީގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި މަހު 7 އިން 13 އަށް ގއ. ގެމަނަފުށީގައި ކުރިއަށް ގެންދިޔަ މިހަރަކާތަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ

އެގޮތުން، ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ކުޑަކުދިންގެ ކުރެހުންތައް ދައްކާލުމަށް ކުޑަކުދިންގެ ކުރެހުމުގެ މައުރަޒެއްވެސް ބާއްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މި މައުރަޒަށް ޒިޔާރަތްކުރެއްވި އިރު މި މައުރަޒުގައި ކުޑަކުދިން ކުރަހާފައިވާ ގިނަ އަދަދެއްގެ ކުރެހުންތައް ދައްކައިލާފައިވެއެވެ.

މީގެ އިތުރުން ތަފާތު ކުޅިވަރުތަކާއެކު ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައިވެއެވެ. ކުޑަކުދިންގެ ދުވަހުގެހަރަކާތްތަކުގެ ތެރެއިން ޕްލާސްޓިކް މަދުކުރުމުގެ ހަރަކާތެއްވެސް ގެމަނަފުށީގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތުގެތެރެއިން ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ޕްލާސްޓިކް ފުޅިފަދަތަކެތި ނަގާފައިވެއެވެ. އަދި ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ތަފާތު މެސެޖުތަކާއެކު ރަށުގެ އެކި ސަރަހައްދުތަކުގައި ބިލްބޯޑު ހަރުކޮށްފައިވެއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ގެމަނަފުށީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ ކަލަރަ ރަންއެވެ. ކަލަރ ރަން ފެށުމުގެ ކުރިން ޒުންބާގެ ހަރަކާތްތަކަކާއި ރޮބޯމޭންގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ރަށު ކައުންސިލް އިދާރާ އަދި ރަށުގައިހުރި ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ކުލަބް ޖަމުއިއްޔާތަކާއި ޒުވާނުންގެ އެހީތެރިކަމާއެކުގައެވެ.