English Edition
Dhivehi Edition

ހދ. މަކުނުދޫ ސްކޫލްގެ އިންޓަހައުސް މުބާރާތެއްގައި ފުޓްބޯޅަކުޅޭ މަންޒަރު ފެންނަ ވީޑިއޯއަކުން ގިނަ ބައެއްގެ ސަމާލުކަން ލިބުނު އުމުރުން އެންމެ ހަތް އަހަރުގެ ޝަވަން މުޙައްމަދު، ޕްރޮސްތެޓިކް ފަޔާއެކު، ތެދުވެ ހިނގަންފަށައިފިއެވެ.

ޕްރޮސްތެޓިކް ފައެއް ޖެހުމަށްފަހު އިންޑިއާގެ ބެންގަލޫރުގައި ދެމަހާއި، ބައި ހޭދަކުރުމަށްފަހު ޝަވަން ރާއްޖެ އައިސްފައިވާއިރު، އެއް މަސް ވަންދެން ދުވާލަކު އެއް ގަޑިއިރު ހިނގުމަށް ޑޮކްޓަރުން ވަނީ ޝަވަންއަށް އިރުޝާދު ދީފައިވެއެވެ.

މިދިއަ އަހަރުގެ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދުވަހު ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފްވަނީ ޝަވަން އަށް ރަނިންގ ބެލޭޑެއް ހަމަޖައްސަވައި ދެއްވާފައެވެ. “ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދުވަސް ފާހަގަކުރެވިގެންދާއިރު މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަން އަށް ރަނިގް ބްލޭޑް ހަމަޖައްސާދެވުން. ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަށް އިރާދަކުރެއްވިއްޔާ ދެންއޮތީ އިންޑިއާގައި ފަރިތަކުރުން” އެ ދުވަހު މަހްލޫފް ވިދާޅުވިއެވެ.

ޝަވަން އަކީ އުފެދުމުގައި ވެސް އެއްފައި ނެތް ކުއްޖެކެވެ. ޕްރޮސްތެޓިކް ފަޔާއެކު ތެދުވެ ޝަވަން ހިނގާފައިވާއިރު، އޭނާއަށް ރަނިން ބްލޭޑް ހަދިޔާ ކުރީ ޔޫތް މިނިސްޓްރީން ނެވެ. ޕްރޮސްތެޓިކް ފައި ޖަހައިދިނީ އެންސްޕާގެ ފަރާތުން ނެވެ.

އުމުރުން 7 އަހަރުގެ ޝަވަން، އެއް ފައިން ފުޓްބޯޅަ ކުޅެ ދަނޑުގައި ދެއްކި ހިތްވަރަށް އެތައް ބަޔަކު މީސް މީޑިއާގައި ވަނީ ތައުރީފު ކޮށްފައެވެ. ޝަވަން އަކީ ފުޓްބޯޅައިގެ އިތުރުން މަކުނުދޫ ސްކޫލްގެ ހުރިހައި ހަރަކާތެއްގައި ވެސް ބައިވެރިވަމުން އަންނަ ހިތްވަރު ގަދަ ދަރިވަރެކެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވި ނަމަވެސް ޝަވަންގެ ހިތްވަރާއި މަސައްކަތުން ކޮންމެ ކަމެއްވެސް ދަނީ ކުރަމުންނެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން ނަމާދު ކުރުމަށް މިސްކިތަށް ދިޔުމަކީވެސް ޝަވަން ވަރަށް ގަޔާވެގެން ކުރާ ކަމެކެވެ.

ގިނަ ބަޔަކަށް ޝަވަން ފާހަގަ ވެގެންދިޔައީ ހދ.މަކުނުދޫ ސްކޫލްގެ އިންޓަހައުސް ފުޓްބޯޅަ މުބާރާތުގައި މިދިޔަ ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހު ހަވީރު އޮތް މެޗްގައި އެއްފަޔާއެކު އޭނާ ކުޅެނިކޮށް ނަގާފައިވާ ވީޑިއޯއަކުންނެވެ. އެތައް ބައެއްގެ ސަމާލުކަން އެވީޑިއޯއަށް ލިބި ، ގިނަ ބައެއްގެ ތަޢުރީފާއި ތަރުޙީބުގެ އަމާޒަކަށްވި، ޝަވަންއަށް ވަނީ އައްޑޫސިޓީއަށް ޒިޔާރަތް ކުރުމުގެ ފުރުސަތުވެސް ފަހިވެފައެވެ. މައިލޯ ކްލަބްގެ ދަޢުވަތަކަށް ޝަވަން އައްޑޫއަށް ކުރި އެދަތުރުގައި ރަތް ދޫލައިގެ ހޫނު މަރުހަބާއަކާއެކު މޭޔަރ ޢަލީ ނިޒާރާއި، ކައުންސިލް މެމްބަރުންނާއި، ޢަލީ އަޝްފާޤް (ދަގަނޑޭ) އާއި، ޝަމްވީލު ޤާސިމުގެ އިތުރުން އައްޑޫގެ އެތައް ބަޔަކުވަނީ ޝަވަންއާއި ބައްދަލުކޮށް ފައެވެ.

ދަގަނޑޭއާއި ބޮންޑާ ޝަވަންއާއެކު — ފޮޓޯ/ މައިލޯ ސިޓީ


އުފެދުމުގައި ވެސް އެއްފައި ނެތް ކުޑަކުޑަ ޝަވަން އަންނަނީ އެހެން ކުދިންނެކޭ އެއްފަދައިން އޭނާއަށްވެސް ކަންކަމުގައި ކުރިއަށް ދެވޭނެކަން ސާބިތުކޮށްދެމުންނެވެ. އޭނާއަކީ ދިރިއުޅުމުގެ މައިދާނުގައި އަޒުމް ވަރުގަދަ، ކެރޭ ދަރިވަރެކެވެ. އޭނާވަނީ އޭނާ ފަދައިން ހަމަ ކޮންމެ ކުއްޖަކަށްވެސް ހިތްވަރާއި މިންނަތުން ކާމިޔާބުގެ އައްސޭރިއަށް ވާޞިލުވެދާނެކަން ދައްކައިދީފައެވެ.