English Edition
Dhivehi Edition
މޭޔަރ ޢަލީ ނިޒާރު "ފައިންޑިއު" އިފްތިތާޙު ކޮށްދެއްވަނީ: ފޮޓޯ އަލީނާސިރު އޭއޯނިއުސް

“ފައިން ޑިއު” ގެ ނަމުގައި ފުރަތަމަ ފަހަރަށް ޕްރިމިއަމް ބޯފެން ،ބިއްލޫރި ފުޅީގައި ބަންދުކޮށް ބާޒާރަށް ނެރެފިއެވެ. އައްޑޫސިޓީގައި ގާއިމްކޮށްފައިވާ “ފައިންޑިއު” ފެން އުފައްދާ މި ފެކްޓްރީ ގެ ޚިދުމަތް މިރޭ ވަނީ ރަސްމީކޮށްފަށާފައެވެ. މިކަމަށްޓަކައި ފައިން ޑިއު ބެވަރެޖެސް ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައި ދެއްވީ އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރެވެ.

ފައިންޑިއު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައެއް މެޝިނަރީތައް މޭޔަރ ޢަލީ ނިޒާރު އަދި ކައުންސިލަރ އަޙްމަދު ސަޢީދު ބައްލަވާ ލައްވަނީ/ފޮޓޯ: ޢަލީ ނާސިރު އޭއޯ ނިއުސް

އައްޑޫސިޓީގައި މުޅިން އަލަށް ފަށާ މިޚިދުމަތާ ގުޅޭގޮތުން ފައިންޑިއުގެ އޯނަރ ޢަބްދުﷲ ފާއިޒް އޭއޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ދާއިރާގައި އޭނާ ހޭދަކުރެއްވި މުއްދަތުގެ ތެރޭ، ރާއްޖެފަދަ ނާޒުކު ތިމާވެއްޓަކަށް ޕްލާސްޓިކުން ކުރާ ނޭދެވޭ އަސަރާއި، ކުރެވުނު ތަޖުރިބާއާއި، އެކަން ފަތުރުވެރިން ބަލައިގަންނަ ގޮތް ތަސައްވުރު ވި ހިސާބުން ފެށިގެން ކުރަން ޢަޒުމް ކަނޑައެޅުއްވި ކަމެއްގެ ފެށުން ކަމަށެވެ.

“އަޅުގަނޑުމެންނަށް ފެނޭ މީހުން ދިރިއުޅޭ ބޮޑެތި ރަށްރަށުގައި ފަތުރުވެރިން އަމިއްލައަށް ޑަސްބިންބޭގު ހިފައިގެން ގޮނޑުދޮށަށް ގޮސް ފުޅިހޮވައިގެން އަންނަތަން. އަދި އެ ކުންޏަށް ދެން ހަދާނެ ގޮތެއް ނޭނގިގެން އެބައާދޭ އެކަން އޮޅުން ފިލުވަން. މިއީ ކަންބޮޑުވާ މައްސަލަތަކެއް. މިނާޒުކު ވެށި ޙިމާޔަތް ކުރަން އަޅުގަނޑުމެންނަށް ވުރެ ބޮޑަށް ވިސްނަންޖެހޭނެ އިތުރު ބަޔަކު އައިސްގެން ނުވާނެ”.ޢަބްދުﷲ ފާއިޒް

ފާއިޒް ވިދާޅުވީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން އެކުލަވާލާފައިވާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތަށް އެއްބާރުލުން ދިނުންވެސް މި ކަމުގެ މަޤްޞަދުގެ ތެރޭގައި ހިމެނޭއިރު އޭގެ އިތުރުން މިއީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް ފަރުދީ ފެންވަރުގައިވެސް ފަށާ މުހިންމު މަސައްކަތެއް ކަމަށެވެ.

އައްޑޫސިޓީގައި ގާއިމްކޮށްފައިވާ ބިއްލޫރި ފުޅީގައި ފެންބަންދުކުރާ ފެކްޓްރީ މޭޔަރ ބައްލަވާ ލައްވަނީ /ފޮޓޯ: ޢަލީނާސިރު އޭއޯނިއުސް

ފައިންޑިއު އިން މިޚިދުމަތް ފެށީ މިކަމަށް އެކަށީގެންވާ ޢިމާރާތާއި މެޝިނަރީއާއި މީހުން ވެސް ބިނާކުރުމަށް ފަހުގައެވެ.

މިކަން ވުޖޫދަށް ގެނައުމުގައި އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނީ ވީހާވެސް ކޮލިޓީކޮށް ، ބައިނަލް އަޤްވާމީ މިންގަނޑަށް ފެތޭ ފަދަ ސާފުތާހިރުކަމާއެކު ކެމިކަލާއި އެހެނިހެން މަސްނޫޢީ ބާވަތްތައް ނުހިމަނާ އުފެއްދޭ ސާފު، ޑިސެލިނޭޓެޑް ފެން އުފެއްދުމަށް ކަމަށް ފާއިޒް ވިދާޅުވިއެވެ.

ފައިންޑިއު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޢަލީ ނާސިރު އޭއޯނިއުސް

ފައިންޑިއުގެ 4 ސައިޒެއްގެ ފުޅި މިހާރު ލިބެންހުރި އިރު އޭގެ ތެރޭގައި ހިމެނެނީ 250އެމްއެލް، 500އެމްއެލް،750 އެމްއެލް އަދި 1000 އެމްއެލް ގެ ފުޅިތަކެވެ. އެމްއެފްޑީ އެޕްރޫވްޑް ފެންވަރަށް ތައްޔާރުކުރާ މި ފެން ފައިންޑިއުއިން ކުރަނީ ހޯލްސޭލްއެވެ. އެގޮތުން ފުޅި ބައްލަވައި ގަންނަވާ ފަރާތްތަކުން ޓްރެޓް ގައި ގެންދާ ފުޅި އަނބުރާ ގެނެސްދޭން ޖެހެއެވެ. މިކަމުގެތެރޭ ކަސްޓަމާ އަތުން ގެއްލޭ ފުޅި ނުވަތަ ތަޅައިގެންދާ ފުޅިއަށް ތަފާތު ދެ އަގެއް ނަގާއިރު ފައިންޑިއު އިން ފެން ފޯރުކޮށްދެނީ މިހާރުވެސް ބާޒާރުގައި މިނަރަލް ވޯޓަރ ލިބޭ އަގާއި ދާދި އެއްވަރަކަށް ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އަގުތައް ކަނޑައެޅިފައިވަނީ 750މލ.ގެ 12 ފުޅި: 46ރުފިޔާ، 500މލ.ގެ 24 ފުޅި: 58 ރުފިޔާ އަދި 250މލ.ގެ 24 ފުޅި 40 ރުފިޔާއަށެވެ.

ބޭނުންކޮށްފައިވާ ހުސްފުޅި، ކަލެކްޝަނަށް ފަހުވެސް ކާރުޚާނާގައި ގެންގުޅޭ މިންގަނޑާ އެއްގޮތަށް ފުޅި ސާފުކުރުމުގެ މަރްޙަލާ އެކުންފުނިން ހަމަޖައްސާފައިވެއެވެ. އެގޮތުން ކެމިކަލް ބޭނުންކޮށްގެން ބްރަޝް ކުރުމަށް ފަހު ފިނިފެނާއި ހޫނު ފެނުގައި ބަހައްޓައި އަދި ޕްރޮޑަކްޓް ވޯޓަރ އިން ފުޅިތައް ދޮންނަ ނިޒާމްއެތަނުގައި ވަނީ ގާއިމް ކުރެވިފައެވެ.

މުޅިން ކަސްޓަމައިޒްކޮށް ޚާއްސަ ލޭބަލްއާއެކު ބައިނަލް އަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފައިންޑިއު އިން އުފައްދާ ބިއްލޫރިފުޅި ތަކަކީ ޗައިނާގެ ކުންފުންޏަކުން އުފައްދައިގެން ރާއްޖެ އެތެރެ ކުރާ ފުޅިތަކެކެވެ.

ފައިންޑިއު ފުޅި މޭޔަރ ބައްލަވާލައްވަނީ/ ފޮޓޯ ޢަލީނާސިރު އޭއޯނިއުސް

އައްޑޫސިޓީގައި ވަންޑިގްރީން މިހާރުވެސް ޕްލާސްޓިކް ފުޅީގައި ފެން އުފައްދާ ސަޕްލައި ކޮށްހަދައެވެ. އޭގެ އިތުރުން ކޯކާ ކޯލާގެ އުފެއްދުމެއް ކަމަށްވާ ބޮނަކުއާ ގެ ފުޅިތައް އައްޑޫސިޓީން ގަންނަން ލިބެން ހުރެއެވެ. އައްޑޫސިޓީގެ ސައްތައިން ސައްތަ އުފެއްދުމެއް ކަމަށްވާ “ފައިންޑިއު ” ގެ މި ޕްރޮޑަކްޓް ވެގެންދާނީ އައްޑޫސިޓީގެ ފަތުރުވެރިކަމުގެ ޝިނާޢަތާއި އެހެނިހެން މުވައްސަސާތަކާއި އަދި ޢާންމު ފަރުދުންނަށް ވެސް ތިމާވެއްޓާއި ރައްޓެހި ފެން ހޯދުމަށް މާލެއަށް ބަރޯސާވާވުން ކުޑަކޮށް އިތުރު ތަކުލީފަކާނުލާ ގާތުން މިޚިދުމަތް ލިބޭނެ ފަހި މަގަކަށެވެ.