English Edition
Dhivehi Edition

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ޒުވާނުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް މިރޭ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޞިއްޙީ ދާއިރާގެ މުސާރައަށް މިމަހުން ފެށިގެން ގެނެވުނު ހެޔޮ ބަދަލުގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ދާއިރާތަކުން ތަޢުލީމު ހާޞިލްކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް މިހާރު އެ އަންނަނީ މީގެ ކުރިން ފުޅާނުވާހާ މިންވަރަށް ފުޅާކުރެވެމުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން މިހާރު ކުރިއަށްދާ ޚިދުމަތްތަކާ އެކު، ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށާއި، އަދި މިއީ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށް ބަލަބަލައި ތިބި ޒުވާނުންނަށް، ފަހިކޮށްދެވޭ ފުރުޞަތުތަކެއްކަން ފާހަގަކުރައްވައި، އެފަދަ ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށް، އަމިއްލަ ރަށާއި ޤައުމަށް ޚިދުމަތް ކުރުމަށް ތައްޔާރުވުމަށް ޒުވާނުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ދިވެހި ގިނަ ޒުވާނުންތަކެއް ރާއްޖޭގެ ޞިއްޚީ ޚިދުމަތަށް ނުކުންނާނޭކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ޢާއްމު ޞިއްޙަތުގެ އޭރާއި މިހާރުގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވަމުން އައީ ގައިންގަޔަށް އަރާ ބަލިތަކުގައި ނަމަވެސް، މިހާރު ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަމުން އަންނަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށް ވުމަކީ، ދިރާސާކޮށް އެކަމުގެ ހަޤީޤަތް ހޯދަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރުގެ ދުނިޔޭގެ ޞިއްހަތު ދުވަހުގެ ޝިއާރުގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައަޅުއްވާފައިވާ “ޞިއްޙަތު އެންމެނަށް” މިޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، އެއީ ރާއްޖޭގައި އަލުން ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ، ޕަބްލިކް ހެލްތުގެ ދާއިރާއާ ވަރަށް ގުޅޭ ޝިއާރެއް ކަމަށެވެ. އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތާރީޚުގައިވެސް، އެންމެ ކާމިޔާބު ޞިއްޙީ ޚިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއަށް 75 އަހަރުފުރޭ އަލިމަސް އަހަރުކަން ފާހަގަކުރައްވައި، އެޖަމިއްޔާގެ އިސްވެރިންނަށް ތަޙްނިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ތާރީޚަށާއި ޞިއްޙީދާއިރާއިން ރާއްޖެއިން ހޯދި ކާމިޔާބީތަކުގައި ޑަބްލިޔުއެޗްއޯއިން އަދާކޮށްފައިވާ މުހިއްމު ދައުރުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.

މިގޮތުން، މުޅި ދުނިޔެއިންވެސް މެލޭރިޔާ ނައްތާލެވުނު ފުރަތަމަ ޤައުމަށް ރާއްޖެވެގެން ދިޔައިރު، ފައިލޭރިޔާއާ، ހިމަބިއްސާއި ރުބެއްލާ އަދި ޕޯލިއޯއާ ޓެޓްނަސް ނައްތާލެވި، މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗް.އައި.ވީ އާއި ސިފިލިސް ވާރުތަނުވާ ޤައުމަކަށް ރާއްޖެވެގެންދިޔުމާއި، ކޯވިޑް-19ގެ ހާލަތުން އަރައިގަތުމުގައި ޑަބުލިޔުއެޗްއޯއިން ފޯރުކޮށްދެއްވާފައިވާ އެހީތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދި ކޮންމެ ކާމިޔާބެއްގައި ޑަބްލިޔޫ.އެޗް.އޯގެ ޙިއްޞާ ވަރަށް ބޮޑުކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވަނީ، ސަރުކާރުގެ ކޯވިޑް-19 އިޖާބައިގެ ޚުލާސާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަތްޕުޅަށް އަރުވާފައެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އިތުރުން، ޑަބުލިޔުއެޗްއޯގެ ފަރާތުން ރާއްޖޭގައި ތިއްބަވާ އިސްވެރިންނާއި، މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންނާއި ދައުލަތުގެ ވަޒީރުންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.