English Edition
Dhivehi Edition

ރޯމާ ދޫކޮށް އެހެން ކުލަބެއްގެ ކޯޗުކަމަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށާއި އެއްބަސްވުން ހަމަވަންދެން ރޯމާގެ ކޯޗުކަމުގައި ދެމިހުންނާނޭ ކަމަށް ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މީޑިއާއާއި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ އޭނާ ރޯމާގެ ކޯޗުކަން ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށް އެއްވެސް ފަހަރަކު އެއްވެސް މީހެއްގެ ގާތު ނުބުނާކަމަށެވެ. އަދި ރޯމާގެ ކޯޗުކަން ދޫކޮށްލަން ވިސްނާފައިވެސް ނުވާނެކަމަށް މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ އޭނާ ރޯމާ ދޫކޮށް ޕީއެސްޖީ އަދި ޗެލްސީގެ ކޯޗުކަމަށް ދާން އުޅޭކަމަށް މީޑިއާގައި އަޑުފެތުރެމުންދާ ކަމަށާއި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އިތުރު އެއްވެސް ކުލަބަކުން ހުށައެޅުމެއްވެސް ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ.

މޮރީނިއޯ އިތުރަށް ބުނީ އޭނާ ރޯމާއާއި އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއްއަހަރު އެބައޮތް ކަމަށާއި މަސައްކަތް ކުރާނީ ބާކީ އޮތް އެއްއަހަރު ދުވަސްތެރޭގައި ރޯމާއާއި އެކު އިތުރު ކާމިޔާބީތަކެއް ހޯދަން ކަމަށެވެ.

” އަހަރެން ރޯމާގެ ކޯޗުކަން ދޫކޮށްލާކަށް ނޫޅެން. އެއީ ދޮގުވާހަކަތަކެއް. އަހަރެންގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އަދި އެބައޮތް. އަހަރެން މިހުރީ ރޯމާގައި މަޑުކުރާގޮތަށް” މޮރީނިއޯ ބުންޏެވެ.