English Edition
Dhivehi Edition

މާތް ﷲ ތަޢާލާ އަހަރެމެން އެންމެހާ އިންސާނުން ހައްދަވާ ދުނިޔެއަށް ފޮނުއްވި މަޤުސަދާއި ބޭނުން ހަނދާނުގައި ހުންނަނީ އަހަރެމެންގެ ތެރެއިން ކިތައްމީހުން ބާވައެވެ. މިއީ ވަގުތީ ދުނިޔެއެއް ކަމާއި، ކޮންމެ ވަގުތަކުވެސް މަރު އައިސް ތިބާއާއި ބައްދަލުކޮށްފާނެ ކަމާއި މެދު ހަނދުމަ ހުރަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންބާވައެވެ.

ޝައްކެއްވެސް ނެތް ގޮތުގައި މިއަދު އަހަރެމެންގެ މި މިޖުތަމައުގެ ހަަލަތައް ވިސްނާފިކުރުކޮށްލައިފި ނަމަ ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ގިނަ މީހުން ތިބީ ޣާފިލްކަންމަތީގައި ދުނިޔެވީ އެދުންތަކުގެ ތެރެއަށް ގެނބި ގެއްލިފައެވެ. ނަމާދަކާއި ނަމާދެކެވެ. ހެޔޮ އަމަލަކާއި ހެޔޮ އަމަލެކެވެ.

އަހަރެމެން އިންސާނުން ދުނިޔެއަށް ފޮނުވުނު މަގުސަދާއި ކޮންމެ ވަގުތަކު، ކޮންމެ ހާލަތެއްގައިވެސް މަރު އައިސް ބައަދަލުކޮށްފާނެ ކަމާއި މެދު ވިސްނާ ފިކުރުކުރާ މީހުން ވަރަށް ވެސް މަދުކަމުގައި ބުނެވިދާނެއެވެ.

އަހަރެމެން އިންސާނުން ފޮނުއްވީ ﷲ އަށް އަޅުކަންކޮށް ހެޔޮ އަމަލުކުރުމަށެވެ. ކުޅިވަރާއި މަޖަލުގައި މުޅި ދުވަސްތަކާއި ވަގުތުތައް ހޭދަކޮށް މުޅި އުމުރު އެގޮތުގައި ހޭދަކުރުމަކަށް ނޫނެވެ.

ތިބާ ދަންނަންޖެހޭ ކަމަކީ ތިބާ މަރުވުމުން، އެބަހީ ޤިޔާމަތް ދުވަހު ތިބާ ދުނިޔޭގައި ކުޅަ އަމަލުތަކުގެ ހިސާބު ބެލެވޭނެކަމެވެ. އެބަހީ ޤިޔާމަޔް ދުވަހު އަދުލުވެރިކަމުގެ ތިލަފަތް ތިބާގެ ކުރިމަރީގައި ބެހެއްޓޭބެނެވެ. އަދި އެ ތިލަފަތަށް ތިބާ ދުނިޔެމަތީގައި ކުޅަހާ އަމަލުތަކެއް އެޅެމުންދާނެއެވެ. ތިބާގެ ކުރިމަރީގައި ތިބާއަށް ފެންނަ ގޮތަށެވެ. ތިބާ ކުޅަ އަމަލުތަކުގެ ތެރެއިން ރެވި އޮށްޓަރެއްގެ މިންވަރުގެ އަމަލެއް ވިޔަސްމެއެވެ.

ވިސްނާ ފިކުރުކޮށްބަލާށެވެ. އެދުވަހުން ތިބާ ފިލަން ދާނީ ކޮންތާކަށްތޯއެވެ.؟ ތިބާއަށް ރައްކާތެރިކަން ދީ ތިބާ ސަލާމަތް ކުރާނީ ފަހެ ކާކުތޯއެވެ.؟ ހަމަ އެކަކުވެސް ނާންނާނެއެވެ. އެކަކަށްވެސް ތިބާ ސަލާމަތް ކޮށެއް ނުދެވޭނެއެވެ. ތިބާގެ މުއްސަނދިކަމާއި މުދާވެރިކަމާއި އާރާއި ބާރަކުން، ލިބިފައިވާ މަތީ މަޤާމަކުން އެދުވަހު ކުރާނޭ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ހަމަ އެކަނި ތިބާ ކުޅަ ހެޔޮ އަމަލަކުން މެނުވީއެވެ.

އެކުވެރިންނޭވެ. މި ދުނިޔޭގައި އުޅެން ލިބޭ މަދު ދުވަސްކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ކުޅިވަރާއި މަޖަލުގައި ވަގުތުތައް ބޭކާރު ނުކުރާށެވެ. ހެޔޮ އަމަލު ކުރުން ގިނަ ކުރާށެވެ. ސަލާމަތާއި ރައްކާތެރިކަން ތިބާއަށް ހުރީ އޭރުންނެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން