English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި އޮތް އާސެނަލް ފަހަތައް ޖައްސާލުމަށް ފަހު ޗެމްޕިއަން ސިޓީން އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އާސެނަލް އާއި ސިޓީ ވެސް އެއް އަދަދަކަށް މެދު ކުޅެފައިވާއިރު، ސިޓީ އެއްވަނާގައި އޮތީ 34 މެޗު ކުޅެގެން 82 ޕޮއިންޓާއެކުއެވެ. ދެވަނާގައި އާސެނަލް އޮތީ ހަމަ އެ އަދަދަށް މެޗު ކުޅެގެން 78 ޕޮއިންޓާއެކުއެވެ.

ސިޓީން ހަތަރު ޕޮއިންޓްގެ ލީޑެއް ނެގީ އަމިއްލަ ދަނޑުގައި 2-1ން ލީޑްސް ޔުނައިޓެޑް ބަލިކޮށްގެންނެވެ.

ސިޓީން މި މެޗުގައި ދެ ލަނޑުވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގައެވެ. ސިޓީން ލީޑްސް ޔުނައިޓެޑް ކޮޅަށް ޖެހި ދެ ލަނޑުވެސް ޖެހީ ރިޔާދް މަހްރޭޒް ތަނަވަސްކޮށްދިން ފުރުސަތުން ކެޕްޓަން ގުންޑޮގާންއެވެ.

ދެވަނަ ހާފްގައި ހެޓްރިކް ހަދަން ގުންޑޮގާންއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ފޮޑެންއަށް ކުރި ފައުލަށް ދިން ޕެނަލްޓީ ފޮނުވާލަން ގުންޑޮގާންއަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

އޭގެ ކުޑަައިރުކޮޅެއް ފަހުން ލީޑްސްއިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ރޮޑްރީގޯއެވެ.