English Edition
Dhivehi Edition

ފްރާންސްގެ ޕީއެސްޖީ ތަރި ލިއޮނެލް މެސީ އޭނާގެ ކުލަބާއި ކުލަބުގެ ކުޅުންތެރިންގެ ކިބައިން މައާފަށް އެދިއްޖެއެވެ.

ކުލަބުގެ ހުއްދައެއް ނެތި ސައޫދީ އަރަބިއާއަށް ދިޔަ މައްސަލާގައި ޕީއެސްޖީން މެސީއަށް ފިޔަވަޅު އަޅާފައިވާއިރު، ކުލަބުން ވަނީ މެސީ ދެ މެޗަށް ސަސްޕެންޑް ކޮށް ކުލަބުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރި ނުވެވޭގޮތް ހަދާފަކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލާގައި ޕީއެސްޖީން މެސީ ދޫކޮށްލާން ނިންމާފައިވާ ކަމަށް ބުނެ މީޑިއާގައި އަޑު ފެތުރިފައިވަނިކޮށް މެސީ މި ވަނީ އޭނާއަށް ކުރެވުނު ކަންތަކާއި މެދު މާފަށް އެދި ބަޔާނެއް ނެރެފައެވެ. މެސީ އޭނާގެ ބަޔާން އިއްވާފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރި ވީޑިއޯ މެސެޖެއްގަވެ.

މެސީ އާންމުކުރި މި ވީޑިއޯ ބަޔާނުގައި ބުނެފައިވަނީ ކޮންމެ މެޗަކަށް ފަހުވެސް ދެ ދުވަހުގެ ޗުއްޓީއެއް ދޭކަމަށާއި އެހެންކަމުން ހީކުރެވިފަ އޮތީ އެންމެ ފަހުން ކުޅުނު މެޗަށް ފަހު ވެސް އާދައިގެމަތިން ޗުއްޓީ ދުވަހެއް ދޭނެ ކަމަށް ކަމަށެވެ.

އެހެން ކަމުން މާކުރިންސުރެވެސް ޕްލޭންކޮށްފަ އޮތް ކޮންމެހެން ދާންޖެހޭ ދަތުރެއް ވީމަ ކެންސަލް ނުކޮށް ސައުދީއަށް ދިޔައީ ކަމަށް މެސީ ބުންޏެވެ. އަދި މީގެކުރިން އެއްފަހަރު އެދަތުރު ކެންސަލް ކޮށްފައިވާނެ ކަމަށް މެސީ ވަނީ ބުނެފައެވެ.

މެސީ ބުނީ މިކަމަށް ކުލަބާއި ކުލަބުގެ ކުޅުންތެރިންގެ ކިބައިން މާފަށް އެދޭކަމަށާއި އަދި އޭނާއާއި މެދު ކުލަބުން ކަންތައް ކުރާނެ ގޮތެއްގެ އިންތިޒާރުގައި ހުރިކަމަށެވެ.

“އަހަރެން ހީކުރީ އަބަދުވެސް ދޭ ގޮތަށް މެޗަށް ފަހު ޗުއްޓީ ދުވަހެއް ލިބޭނެ ކަމަށް. އަޅުގަނޑަށް މި ދަތުރު އިންތިޒާމުކޮށްފައި އޮތުމުން ކެންސަލް ނުކުރެވުނު. ކުރިންވެސް ދަތުރެއް ކެންސަލް ކުރިން. އަހަރެންގެ ޓީމުގެ ކުޅުންތެރިންގެ ކިބައިން މިކަމަށް މައާފަށް އެދެން، އަހަރެން މިހުރީ ކްލަބުން އަހަރެންނާ މެދު ކަންތައް ކުރަން ބޭނުންވާ ކަމެއްގެ އިންތިޒާރުގައި”. މެސީގެ ބަޔާނުގައި ބުނެފައިވެއެވެ.